ޅ. ހިންނަވަރު ސިއްހީ މަރުކަޒު އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން އިމާރާތް ކުރި ބިނާ ބޭނުން ނުކުރެވި ރޫޅާލާފައިވާ އިރު، އެ މަޝްރޫއަށް ދައުލަތުން މަސައްކަތް ހަވާލުކުރި ފަރާތަށް ދިން ފައިސާ ހިމެނޭހެން ދެ މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ހަރަދު ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓަ ޖެނެރަލް ހުސައިން ޒިޔަތު ސޮއިކުރައްވައި ނެރުއްވާފައިވާ އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެ މަޝްރޫއު ހިންގުމަށް ކުރިން ހަވާލުކޮށްފައިވާ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލުމަށްފަހު، އެމްއާރުޑީސީއާ ހަވާލުކުރީ 8.2 މިލިއަން ރުފިޔާއަށެވެ.

އަދި މަޝްރޫއުގެ އަގުގެ 15 އިންސައްތަ ކަމުގައިވާ 1.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

އެމްއާރުޑީސީ އިން އެ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ވިލުކޮޅު ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ އިރު، އެ ކުންފުންޏަށް އެމްއާރުޑީސީއިން 1.5 މިލިއަން ރުފިޔާ އެޑްވާންސްގެ ގޮތުގައި ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ.

މި މަޝްރޫއަށް ދައުލަތުން 2.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ވިލުކޮޅު މޯލްޑިވްސްއަށް ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އެއީ އެމްއާރުޑީސީއިން ދޫކޮށްފައިވާ 1.5 މިލިއަން ރުފިޔާގެ އިތުރުން ހެލްތު މިނިސްޓްރީއިން ދޫކޮށްފައިވާ 1.65 މިލިއަން ރުފިޔާއެވެ.

އެކަމަކު އެ އިމާރާތުގެ ބިނާގެ ފެންވަރު ދަށް ކަމުން ބިނާ ރޫޅާލަން ވެސް ބަޔަކާ ހަވާލުކޮށްފައިވާ ކަން އޮޑިޓް ރިޕޯޓްގައިވެއެވެ. ބިނާ ރޫޅާލަން ހަވާލުކޮށްފައިވަނީ 24،580 ރުފިޔާއަށެވެ.

މި ގޮތަށް އެޑްވާންސްކޮށް ދައުލަތުގެ ފައިސާ ކުންފުންޏަކަށް ދޫކޮށް އެ ތަނުގެ ބޭނުން ހިފިފައި ނުވާއިރު، މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތުން މިފަދަ މަޝްރޫއުތަކުގައި ފައިސާ ދޫކުރަން ވާނީ އެއްބަސްވުމުގައިވާ ގޮތުގެ މަތިން މަސައްކަތް ނިންމުމުންނެވެ. އަދި އެ ތަނުގެ ފެންވަރު ކަށަވަރު ނުކޮށް ދައުލަތުން ހަރަދު ނުކުރުމަށް ވެސް މާލިއްޔަތު ގަވާއިދުގައިވެއެވެ.

އޮޑިޓަ ޖެނެރަލްގެ ރިޕޯޓްގައިވާ ގޮތުން މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތަށް ކަންކަން އިސްލާހު ކުރުމަށް ހެލްތު މިނިސްޓްރީއަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ވަނީ އަންގައިފައެވެ.