ޖެންޑާ މިނިސްޓްރީން ނަގުދު ފައިސާގެ ގޮތުގައި ނަގާފައިވާ 1.4 މިލިއަން ރުފިޔާ ހަރަދު ކުރި ގޮތުގެ ސައްހަކަން ކަށަވަރުވެފައި ނުވާ ކަމަށް އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މިއަދު އާންމު ކޮށްފައިވާ އިރު ދައުލަތުގެ މާލިއްޔަަތު ގާނޫނާ ހިލާފަށް އެ ވުޒާރާއިގައި ގިނަ ކަންކަން ހިނގާފައިވާ ކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ކޮއްތު ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލާއި ލިޔެކިޔެމުން ބަލަހައްޓާފައި ނުވާކަން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ކުޑަކުދިންގެ ހިޔާގެ ކޮއްތު ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ގަތުމަށް ކޮންމެ ކުއްޖަކަށް ދުވާލަކަށް 75 ރުފިޔާގެ ރޭޓުން މަހަކަށް ވާވަރަށް ނަގުދު ފައިސާ އެއްފަހަރާ ނަގައިގެން ހަރަދު ކުރަމުން ގެންދާކަން ފާހަގަކޮށްފައިވެއެވެ.

"ދޫކުރާ ފައިސާގެ ތަފްސީލާއި އަދަދު ލިޔެމުން ގެންދިޔަ ނަމަވެސް ފައިސާ ދޫކުރުމަށްފަހު އެ ފައިސާއިން ގަންނަ ތަކެތީގެ ބިލްތައް ބަރާބަރަށް ހޯދައި އެ ބިލުތަކުގެ ޖުމްލަ، ދޫކުރި ފައިސާގެ ޖުމްލައާއި އަޅާކިޔައި ދިމާވޭތޯ ބަލައި މި ފައިސާގެ ހިސާބު އަދާހަމަކޮށް ބަލަހައްޓާފައި ނުވޭ" އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޖެންޑާ މިނިސްޓްރީއިން ވަނީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންގެ ކޮއްތު ހަމަޖެއްސުމަށް 94،500 ރުފިޔާ ނަގާފައެވެ. ނަމަވެސް ބިލްތަކުގެ ޖުމްލަ އަދަދު އުޅެނީ 105،969 ރުފިޔާގައެވެ.

މީގެ އިތުރުން ކުރީ އަހަރުގެ އޭޕްރީލް މަހު އެ މިނިސްޓްރީ އިން 101،250 ރުފިޔާ ނަގާފައި ވާއިރު އެމަހުގެ ބިލްތައް ވަނީ ބޮޑުތަނުން ދަށްކޮށްފައެވެ. އެއީ 64،112 ރުފިޔާއެވެ.

ނަމަވެސް ހަރަދުގެ ތަފްސީލު ބަލަހައްޓާފައި ނުވުމުން ބާކީ ފައިސާއަށް ވީގޮތެއް ނޭންގުނު ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ޕެޓީ ކޭޝް ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކޮއްތު ފައިސާގެ ގޮތުގައި ނަގާފައިވާ ފައިސާ އިން އިދާރާގެ އާންމު
ޕެޓީ ކޭޝްއިން ކުރަންޖެހޭ ފަދަ ބައެއް ހަރަދުތައް ކުރުމަށް ޖުމްލަ 23,532 ރުފިޔާ ނަގާފައިވާކަން ވެސް، ކޮއްތު ފައިސާ ގުނި އިރު އޮޑިޓަރުންނަށް ފާހަގަވެފައިވާ ކަމަށް އޮޑިޓުގައި ބުނެއެވެ.

އަދި ޚަރަދުތަކުގެ ބިލްތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާތީ އެ ހަރަދުތަކުގެ ސައްހަކަން ކަށަވަރުކުރެވެން ނެތް ކަމަށް އޮޑީޓް އޮފީހުން ވިދާޅުވެއެވެ.

އޮޑިޓް އޮފީހުން ވިދާޅުވާ ގޮތުގައި ނަގުދު ފައިސާގެ ގޮތުގައި ފައިސާ ނަގައިގެން ކުރަމުންދާ ޚަރަދުތަކުގެ ހިސާބު އެކަށީގެންވާ ގޮތެއްގައި ނުބަލަހައްޓާނަމަ، އެ ފައިސާއާ މެދު ޚިޔާނާތްތެރިވުމުގެ ފުރުސަތު ބޮޑެވެ. އަދި އެ ފައިސާ ގެއްލުމުގެ ފުރުސަތު އޮތް ކަން ވެސް ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 12.08 ވަނަ މާއްދާގެ (ށ) ގައި ދައުލަތުގެ މުދަލާއި ފައިސާއާ ހިސާބުތައް ގެންގުޅުމާއި
ރައްކާތެރިކަމާއެކު ބެލެހެއްޓުމާ ބެހޭގޮތުން ދެވިފައިވާ އިރުޝާދުތައް މާލީ ޒިންމާދާރު ވެރިންނަށް ރަނގަޅަށް އެނގެންވާނެ ކަމަށާއި ފައިސާ
ބެލެހެއްޓުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރަމުން ގެންދޭތޯ މާލީ ޒިންމާދާރުވެރިޔާ
ބަލަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި ހަމަ އެ މާއްދާގެ (ނ) ގައި ކޮންމެ މާލީ ޒިންމާދާރު ވެރިއެއްގެ ބެލުމުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން ޖަވާބުދާރީ ކުރުވުމާއި ކޮންޓްރޯލް ކުރުމަކީ މާލީ ޒިންމާދާރުވެރިން ކުރަންޖެހޭނެ ކަމެއްކަން ބަޔާންކޮށްފައިވެއެވެ.

ނަމަވެސް ތަކުރާރުކޮށް އެކި އަހަރުތަކުގެ އޮޑިޓްތަކުގައި، ކުޑަކުދިންގެ ހިޔާއިން ކޮއްތު ފައިސާގެ ގޮތުގައި ނަގާ ފައިސާގެ ހިސާބުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓައި ލިޔެކިޔުންތައް އޮޑިޓަށް ފޯރުކޮށްނުދޭ މައްސަލަ އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ލާދީނީ އަންނި

  ކޮންމެހެން ކަށަވަރު ކުރާކައް ނުޖެހޭނެ ލާރި ކޭމީހާ އޮންނާނެ ޖަލުގަ.

  1
  4
 2. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

  ޖެންޑަރ މިނިސްޓްރީ ހިންގާނެ ރަނގަޅު ދިވެހި ދަރިއަކު ހަމަ ނެތީތަ ؟ އިބޫ ގެ ކުލާސްޓީޗަރު ޢާއިޝަތު މުޙައްމަދު ދީދީ ލައިގެން އިބޫ މި ހާވަން މިއުޅެނީ ކޮން ހަޑިއެއް ތަ ؟ މިނިސްޓަރު ކަމުގެ މަޤާމު ތައް ރައްޓެހިންނަށް، ތިމާމީހާ އަށް ކިޔަވާދިން ޓީޗަރުމީހާ އަށް އިބޫ އަށް ބަހާލުމުގެ ފުރުސަތު ދެވިގެންނުވާނެ. މިފަހުން ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ޢާއްމުން ގެ ކުރިމަތީގައި ރޮއިފައި. އިބޫ ވެސް ވަނީ ޢާއްމުން ގެ ކުރިމަތީ ގައި ރޮއިފައި. ދަރިވަރު-މީހާ އާއި ޓީޗަރު-މީހާ މިތިބީ ނަފްސާތީ ގޮތުން މިފަދަ މަޤާމް ތަކުގައި ނުތިބެވޭ ފެންވަރަށް ގޮސްފައި. އަޅުގަނޑުމެން މިމީސްމީހުނާ އަޅުގަނޑުމެންގެ ކަންކަން ހަވާލު ކުރީ މިމީސްމީހުން ރޯ މަންޒަރު ބަލާކަށް ނޫން. އަމާނާތް ތެރިގޮތުގައި ރައްޔިތުން ޙަވާލު ކުރި މަސައްކަތް ކުރުމަށް.

  11
  • ޝާފީ/އދ ތޮއްޑު

   ތެދުފުޅެއް. ބޮލަށްއުނދަގޫވޭ ރޯތަންބަލަން. އިބޫ ރުއި ކޮރޯނާގައި ބޭރު ޤައުމު ތަކުން ލިބޭނޭ ގިނަފައިސާ ގެމަތިންހިތަށް އަރާފަ އުފަލުން. ޢާއިޝާ ރުއި އޮފީހުގެކޮރަޕްޝަން އަށްމަޖުލިހުން ސުވާލުއަންނާނެތީ.

 3. އަހައްމައިދި

  ކުރިން މައުމޫނުގެ މިނިސްޓަރަށް އައިޝާވާއިރު މައުމޫނާއިއިބޫގެ ގުޅުންބޮޑުކަން އެމްޑީޕީ މީހުންނަށްނޭންގެނީ ބާ !!! އާއިޝާ މިނިސްޓަރުކަން ދިނުމަކީގޯހެއް. މައުމޫނުގެ މިނިސްޓަރެއްވީމާ.