ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ތަފާތު އެކި ހުނަރުތައް ކުދިންނަށް ދަސްކުރުމަށް ޝައުގުވެރިވާ މީހުންނަށް މިއީ ރަނުގެ ފުރުސަތަކަށް ވާނެއެވެ. އާޑީނޯ އާއި ކޯޑިންގެ އެހީގައި ކޮމްޕިއުޓަރު ޕްރޮގްރާމް ކުރަން ދަސްކޮށްދިނުމާއި އެކި ޕްރޮޖެކްޓްތައް ހަދަން ދަސްކޮށްދޭ ކޯހެއް އައްޑޫ ސިޓީގައި ހިންގުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

އާޑީނޯއަކީ އިލެކްޓްރޯނިކްސް ޕްރޮޓޯޓައިޕް ކުރުމާއި އުފެއްދުމަށް ބޭނުންކުރާ މައިކްރޯ ކޮމްޕިއުޓައެކެވެ. އާޑީނޯގެ އެހީގައި ގޭގައި ބޭނުންކުރާ ބޮކިތަކާއި، ޓީވީ އަދި އޭސީ ފަދަ ތަކެތި ފޯނުން ކޮންޓްރޯލް ކުރުމާއި، ގޭގައި ބޭނުން ކުރެވޭނެ ސެކިއުރިޓީ އެލާމް ސިސްޓަމެއް އުފައްދައި ބެލެހެއްޓުން ފަދަ ކަންކަމާއި ހައިޑްރޯފޯނިކްސް އާއި އިންކިއުބޭޓަރު ފަދަ ތަކެތި ފަސޭހަކަމާއެކު ހަދާލެވިދާނެއެވެ.

ޢުމުރުން 11 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯސް އިންތިޒާމް ކުރަނީ ހިތަދޫގެ އަމިއްލަ ފަރާތެއް ކަމުގައިވާ ކޭ-12 ކޯޑް އާއި ހިރާ ސްކޫލް ގުޅިގެންނެވެ. މި ކޯހުގެ ފީ ގެ ގޮތުގައި -/2990 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ބައިވެރިޔަކަށްވެސް ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ހިމެނޭ އާޑީނޯ ކިޓެއް ފޯރުކޮށްދެވޭނެކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

މިއީ އާއްމުކޮށް ހުޅުވާލައިގެން އާޑީނޯ ދަސްކޮށް ދިނުމަށްޓަކައި ކޭ-12 ކޯޑް ގެ ފަރާތުން ބާއްވާ ދެވަނަ ކޯހެވެ. މި ކޯހުގެ ފުރަތަމަ ބެޗު މިދިޔަ އަހަރުގެ ސްކޫލް ޗުއްޓީގައި ކާމިޔާބު ކަމާއެކު ނިންމާލާފައިވެއެވެ. މިފަހަރުގެ ކޯހުގައި ބައިވެރިވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 7335433 ނުވަތަ 9810500 އާއި ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ކޭ-12 އިން ބުނެއެވެ.