ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމަށް އެކުލަވާލާފައި އޮންނަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖެއެސްސީ) އިން މިދިޔަ އަހަރު ޖުމުލަ 54 މައްސަލައެއް ބަލައި ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު ފެށުނު އިރު އެ ކޮމިޝަންގައި ބަލައި ނުނިމި 73 މައްސަލައެއް އެބައޮތެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި އެ ކޮމިޝަނަށް ހުށަހެޅި 41 މައްސަލައެއް ބަލަން ފެށިއެވެ. އޭގެ ތެރެއިން 54 މައްސަލައެއް އަހަރު ނިމުނު އިރު ބަލައި ނިމިފައިވާ ކަމަށް އޮތެވެ. މި އަހަރު ފެށުނު އިރު ނުނިމި 60 މައްސަލަ އެބައޮތެވެ.

މިދިޔަ އަހަރު ކޮމިޝަނުން ބަލަމުން ދިޔަ 114 މައްސަލައެއްގައި 44 ތަހުގީގު ކޮމިޓީއަކުން މަސައްކަތް ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. މި ގޮތުން ނުވަ ފަނޑިޔާރަކު ވަކި ކުރުމަށާއި، ދެ ފަނޑިޔާރަކު ސަސްޕެންޑް ކުރަން އަދި ހަތަރު ފަނޑިޔާރަކަށް ނަސޭހަތް ދޭން ކޮމިޝަނުން ނިންމާފައިވާ ކަމަށް ދައްކައެވެ.

މިދިޔަ އަހަރު 22 ފަނޑިޔާރަކު އައްޔަން ކޮށްފައިވާ ކަމަށް ޖޭއެސްސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުންނާއި، ހައި ކޯޓަށް ދެ ފަނޑިޔާރުންނާއި، ސުޕީރިއާ އެހެން ކޯޓުތަކަށް ނުވަ ފަނޑިޔާރުންނާއި މެޖިސްޓްރޭޓް ކޯޓުތަކަށް ނުވަ ފަނޑިޔާރުންނެވެ.

މިދިޔަ އަހަރުގެ ތެރޭގައި ހަތަރު ފަނޑިޔާރަކު ވަޒީފާއިން ރިޓަޔާކުރައްވާފައިވާ އިރު، ނުވަ ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދެއްވާފައިވެއެވެ. އަދި ވަކިކުރަން ޖޭއެސްސީއިން ފޮނުވައިގެން މަޖިލީހުން ފާސްކޮށްގެން ތިން ފަނޑިޔާރަކު ވަކިކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުގައިވެއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާއި ސަރުކާރު އެމްޑީޕީއަށް ލިބުމަށް ފަހު، ޖޭއެސްސީގެ މެޖޯރިޓީ ވެސް މިހާރު އޮތީ އެމްޑީޕީއަށެވެ. ޖޭއެއެސްސީ އަލަށް އެކުލަވާލުމާ އެކު އެ ކޮމިޝަން މެދުވެރިކޮށް ފަނޑިޔާރުންގެ ގިނަ ސުލޫކީ މައްސަލަތަކެއް ތަހުގީގު ކުރަން ފަށާފައިވެއެވެ. މީގެ ތެރެއިން ބައެއް ފަނޑިޔާރުން ވަކިކޮށްފައިވެއެވެ. ހާއްސަކޮށް ސުޕްރީމް ކޯޓުގެ މުޅި ބެންޗު ވަނީ ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު