ތުނބުޅި ދިގުކޮށް އަދި ފަޓުލޫނުގެ ފައިކުރި ކުރުކޮށްގެން އިމިގްރޭޝަނުން ވަޒީފާއިން ވަކި ކުރި ހަތަރު މީހަކަށް އަލުން ވަޒީފާ ދޭން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުން އެ ތަނުން ހުކުމް ކޮށްފައިވަނީ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ އެއް ގޮތްވާ ގޮތުގެ މަތިންނެވެ. އެހެންވުމާއެކު، މި މައްސަލަ ހައި ކޯތުގައި އިސްތިއުނާފް ކުރިއެވެ.

ހައި ކޯޓުން މި ހަތަރު މީހުނަށް އަލުން ވަޒީފާ ދޭން ހުކުމް ކޮށްފައިވަނީ، މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާއެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލްއާއި ފަނޑިޔާރު އަބްދުލްރައޫފް އިބްރާހިމެވެ.

ހައި ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ވަޒީފާއިން ވަކި ކުރެވޭނީ އެ ކުށެއް ތަކުރާރުކޮށްގެން ކަމަށް އިމިގްރޭޝަންގެ ގަވާއިދުގައި ވެސް އޮންނައިރު، އިމިގްރޭޝަނުން އެ ހަތަރު މީހުނަށް ފިޔަވަޅު އެޅީ އެ އިދާރާގެ ޔުނީފޯމު ކޯޑަށް ބަދަލު ގެނައި ދުވަހުގައެވެ.

އެހެން ކަމުން އެ މީހުން ކުށް ތަކުރާރު ކުރީ ކަމަށް ބަލާނެ އެއްވެސް ހަމައެއް ނެތް ކަމަށާއި އެ މީހުން ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުން ފޮނުވާފައިވަނީ ވެސް ޔުނިފޯމު ބަދަލު ކުރި ގަވާއިދު ހަމަޖެއްސުމުގެ ކުރިން ކަމަށް ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އެ މީހުން ޚިލާފްވީ ޔުނިފޯމްގެ ކޮން މިންގަނޑަކާ ކަމެއް އިމިގްރޭޝަނަށް ސާބިތުކޮށް ދެވިފައިނުވާ ކަމަށް ވެސ ހުކުމުގައި ވެއެވެ. އެހެންވުމުން އެ މީހުން ވަކި ކުރުމުގައި މައުލޫއީ އަދުލުވެރިކަމާއި އިޖްރާއީ އަދުލުވެރިކަން އިމިގްރޭޝަންގެ ފަރާތުން ގާއިމް ކޮށްފައި ނެތް ކަމަށް ހުކުމުގައި ވެއެވެ.