ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕޭންގައި ގޭގެއަށް ނުގޮސް އޮންލައިން ޕްލެޓްފޯމުތަކުގައި ކެމްޕޭން ކުރުމަށާއި، އެއްވުންތަކާއި ޖަލްސާތައް ނުބާއްވައި، ކެމްޕޭން ކުރުމަށް އިންތިހާބާ ބެހޭ ގައިޑްލައިންގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހިމަނައިފިއެވެ.

އެ ގައިޑްލައިންގައި އެޗްޕީއޭ އިން ލަފާ ދީފައި ވަނީ ގޭގެ އަށް ގޮސްގެން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ބަދަލުގައި އޮންލައިން ޕްލެޓްފޯމްތައް އިހްތިޔާރު ކުރުމަށެވެ. އަދި ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ރަށްރަށަށް ދަތުރުކުރާ ނަމަ ކަރަންޓީނުގެ އުސޫލަށް ތަބާވާން ޖެހޭނެ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރުމަށެވެ.

އެ ގައިޑްލައިންގައިވާ ގޮތުން މާލެ އިން ރަށްރަށަށް ގޮސް ކެމްޕޭން ހަރަކާތެއް ބޭއްވޭނީ ކަރަންޓީނުގެ 10 ދުވަހުގެ މުއްދަތު ހަމަވެ، ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަން ކަށަވަރުވުމުންނެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާއިރު، އެ ނުރައްކާތެރި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެޅިފައިވާ ހަރުކަށި ފިޔަވަޅުތަކަކަށް އަމަލު ކުރަން އެ ގައިޑްލައިންގައި ވަނީ ލާޒިމުކޮށްފައެވެ. ނަމަވެސް އެޗްޕީއޭއިން އަދި މި ގައިޑްލައިން އާންމު ކޮށްފައެއް ނުވެއެވެ.

އެ ގައިޑްލައިންގައި ވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ތާއީދު ހޯދުމުގެ ހުރިހާ ހަރަކާތެއް އެޗްޕީއޭއިން އާއްމުކުރާ އުސޫލުތަކާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް އަންގާފައެވެ.

އީސީ އިން މީގެ ކުރިން މަސައްކަތް ކުރަމުން ދިޔައީ މާޗު މަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ ތިންވަނަ ދުވަހަށް ދަންމާލުމާ ގުޅިގެން އެ ދުވަހަށް އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީ އިން ވިދާޅުވިއެވެ.

އެގޮތުން އެންމެ ފަހުން ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގައި ވަނީ އޭޕްރީލް މަހުގެ ތިންވަނަ ދުވަހާއި ދިހަވަނަ ދުވަހާ ދެމެދުގެ ތާރީހެއްގައި އިންތިހާބު ބޭއްވުމަށް މަޝްވަރާކޮށްފައެވެ. ނަމަވެސް އެންމެ ފަހުން އީސީއިން ވަނީ އޭޕްރީލް މަހުގެ 10 ދުވަހު އިންތިހާބު ބޭއްވުމަށް ނިންމާފައެވެ.

އިންތިހާބުގެ ވަގުތީ ގާނޫނުގައި އޮންނަ ގޮތުން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ. އެކަމަކު އެ ތާރީހަށް އިންތިހާބު ނުބޭއްވޭ ނަމަ 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އީސީއިން އަންގަން ޖެހޭނެ ކަމަށްވެސް އެ އިސްލާހުގައިވެއެވެ.