އިންޓަނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް (އައި.އެމް.ޔޫ.އެން) ގައި "ރީޖަނަލް އެލައިޔަސް ފޯ ފޯސްޓަރިން ޔޫތް" (ރާފީ) ޖަމިއްޔާގެ ފަރާތުން ރާއްޖެ ތަމްސީލު ކުރާނެ ފަރާތަކަށް މަރިޔަމް ރިފާ ހޮވިއްޖެއެވެ.

ރާފީ ޖަމިއްޔާގެ ފަރާތުން މަރިޔަމް ރިފާ، މި މަހުގެ 1-3 އަކަށް ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ އައި.އެމް.ޔޫ.އެން އަށް ފޮނުވާފައިވާއިރު އޭނާ ހަރަކާތްތެރިވާނީ ސްޕީކަރެއް އަދި ޑެލިގޭޓެއްގެ ގޮތުގައެވެ.

މިހާރު ޔޫތް މިނިސްޓްރީގައި ވަޒީފާ އަދާކުރަމުންދާ ރިފާ އަކީ ރާފީ ޖަމިއްޔާގެ މީޑިއާ ކޮމިޓީގެ ވައިސް ޗެއާޕާސަންއެވެ. އެ ޖަމިއްޔާގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ރިފާ އަކީ އިންޓަނޭޝަނަލް ޔޫތް ކޮމިޓީ އިންޑިއާގެ ޔޫތް އެޑްވޮކޭޓެއް ވެސް މެއެވެ. މިހާރު ވިލާ ކޮލެޖުގައި އެލް.އެލް.ބީ ހާސިލު ކުރަމުންދާ ރިފާ އަކީ މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި އަދި ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ފަރާތެކެވެ.

އައި.އެމް.ޔޫ.އެން އަކީ އ.ދ ގެ މަސައްކަތްތައް ނަކަލުކޮށް ބައިވެރިން އެ މަސައްކަތްތަކަށް އަހުލުވެރި ކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވާ އިވެންޓެކެވެ. އެކި ގައުމުތަކުން 1000 އަށް ވުރެ ގިނަ ފަރާތްތައް ބައިވެރިވާ މި މަންސައިގައި ބައިނަލްއަގްވާމީ ގޮތުން ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާއި ބެހޭގޮތުން ބަހުސްކޮށް އެ މައްްސަލަތަކަށް ހޯދާނެ ހައްލުތައް ޑްރާފްޓު ކުރެވޭނެއެވެ.

ބައިނަލްއަގްވާމީ މޮޑެލް ޔޫއެންގައި ރިފާ ރާއްޖެ ތަމްސީލު ކުރާ އިރު މީގެ ކުރިން ރާާއްޖޭގައިވެސް މޮޑެލް ޔޫއެންތައް ބާއްވާފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައިވެސް ޒުވާނުންނަށް އަމާޒުކޮށްގެން މޮޑެލް ޔޫއެންއެއް ކުރިއަށް ގެންގޮސްފައިވެއެވެ.