ރާއްޖެއިން ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް ދަތުރު ކުރާ ފަރާތްތަކުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ގްރީން ލިސްޓްގައި ރާއްޖެ ހިމަނައިފިއެވެ.

މިމަހުގެ 25 ވަނަ ދުވަހު އަބޫދާބީގެ ގްރީން ލިސްޓްގައި ރާއްޖެ ހިމަނާފައިވާއިރު، އިތުރު 4 ގައުމެއްވެސް މި ލިސްޓަށް ވަނީ އިތުރު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އޮސްޓްރޭލިއާ، ސިންގަޕޫރު، ފޯލްކްލޭންޑް އައިލޭންޑްސް އަދި ގްރީންލޭންޑެވެ. މިވަގުތު މި ލިސްޓްގައި 17 ގައުމެއް ހިމެނެއެވެ.

އެގައުމުގެ ގްރީން ލިސްޓްއިން އުނިކޮށްފައިވަނީ ކުވެއިތު، ޓައިޕެއި، މަކާއު، އައި އޮފް މޭން، ނިއު ކެލެޑޯނިއާ، ސޯ ޓޯމް އަދި ޕްރިންސައިޕް އެވެ.

ގައުމެއްގެ ގްރީން ލިސްޓްގައި އެހެން ގައުމެއް ހިމެނިއްޖެނަމަ، މިހާރުގެ އުސޫލު ބުނާ ގޮތުން އެގައުމަކަށް ދަތުރު ކުރާ ފަރާތްތަކަށް ކަރަންޓީނު ނުވެ އެގައުމުގައި އުޅެވޭނެއެވެ.

ރާއްޖޭން އަބުދާބީ އަށް ދާ މީހުން ކަރަންޓީނުވާން ނުޖެހުނަސް އެ ގައުމަށް ދިއުމާއެކު ޕީސީއާރު ޓެސްޓު ކުރާނެ އެވެ.

އަބޫދާބީން މި ލިސްޓުގައި ގައުމުތައް ހިމަނަނީ އެ ގައުމެއްގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ބަލި ފެތުރޭ އަދަދަށް ބަލައިފަ އެވެ. މި ލިސްޓަކީ ކޮންމެ ދުވަހަކު ބަދަލުވާ ލިސްޓެކެވެ.

އަބޫދާބީން ގްރީން ލިސްޓެއް އެކުލަވާލައި އެގައުމަށް ދެވޭނެ މީހުން ކަނޑައަޅާފައިވާއިރު، ދުނިޔޭގެ އެހެން ގައުނުތަކުންވެސް ވަނީ ބަލި ފެތުރޭ މިންވަރު ބަލައި ގްރީންލިސްޓްތަކެއް އާންމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Ashley

    އަބޫ ދާބީ އިން ރާއްޖެއަށް އަންނަ މީހުން ކަރަންޓީން ވާންޖެހޭތަ؟