ދިވެހި ރާއްޖޭގެ އޭވިއޭޝަން ހަބަރުތަކާއި ކޮންޓެންޓު ގެނެސްދޭ ޕޭޖެއް ކަމުގައިވާ 8_ކިއު ޕައިލެޓްސްގެ ފޮޓޯ އަކަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެވެ.

މީގެ ހަފްތާ އެއްހައި ދުވަސް ކުރިން 8_ކިއުގެ އިންސްޓަގްރާމް ޕޭޖުގައި ހިއްސާ ކޮށްފައިވާ މި ފޮޓޯ އަށް ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައި ވަނީ އެ ފޮޓޯ ތަފާތު ވުމުންނެވެ.

މި ފޮޓޯ އިން ފެނިގެން ދަނީ މަންޓާ އެއާލައިންގެ ސީޕްލޭން ކައްޕިއެއް ކަމުގައިވާ naibe1981 ޔުނީފޯމް ލައިގެން މޫދު އަޑީގައި ހުންނަތަނެވެ. އަދި ހަމަ އެ ފޯޓޯ އިން ސީޕްލޭންވެސް ފެންނަން ހުރެއެވެ. މި ފޮޓޯ ނަގާފައި ވަނީ ހަމަ އެ އެއާލައިނުގައި ފަސްޓް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ m0ham3d_riz އެވެ.

8_ކިއުގެ ޕައިލެޓަކު ”ވަގުތު“ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ބޫސްޓު ނުކޮށް އެ ޕޯސްޓު 141،823 މީހުންނަށް ރީޗް ވެފައިވާ ކަމަށެވެ.

މި ފޮޓޯ ވަނީ 3 ދުވަސް ތެރޭ 1 ލައްކަ އަށް ވުރެން ގިނަ މީހުންނަށް ރީޗް ވެފަ

”އަޅުގަނޑުމެންގެ ޕޭޖުގައި މި ފޮޓޯ ޕޯސްޓު ކުރުމުން ގާތްގަނޑަކަށް 3 ވަރަކަށް ދުވަސްތެރޭ އެއް ލައްކަ ފަންސާސް ހާސް މީހުންނަށް މި ފޮޓޯ ވަނީ ރީޗް ވެފަ. އަދި 7،000ށް ވުރެން ގިނަ މީހުން ވަނީ ޕޯސްޓަށް ލައިކް ދީފަ“ 8_ކިއުގެ ޕައިލެޓަކު ބުނެފައިވެއެވެ.

މި ޕޯސްޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ކޮމެންޓުކޮށް ހަދާފައިވާއިރު އެންމެންވެސް ބުނެފައި ވަނީ ފޮޓޯ ވަރަށް ރީތިވެފައި ތަފާތު ކަމަށެވެ.

8_ކިއު އިން ޓެލެގްރާމް ޗެނަލް އެއްގެ އިތުރުން ފޭސްބުކާއި އިންސްޓަގްރާމް ގައިވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ ޕޭޖުގައި އޭވިއޭޝަނާއި ގުޅުން ހުރި ކޮންޓެންޓު ޖަހަން ބޭނުންނަމަ އެ ޕޭޖަށް މެސެޖު ކުރުމުށް އެފަރާތުން އެދެއެވެ.

8_ކިއު ނުވަތަ 8ކިއުބެކް އަކީ އައިކާއޯ އިން ރާއްޖެ އަށް ހާއްސަ ކޮށްފައިވާ ކޯޑެވެ. ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ މަތިންދާބޯޓަކުންވެސް ”8_ކިއު“ މި އަކުރުތައް ފެނިގެން ދާނެއެވެ.

ބޫސްޓު ނުކޮށް މި ފޮޓޯ ވަނީ ވައިރަލް ވެފަ

8_ކިއު އަކީ ރާއްޖޭގެ ޕައިލެޓުންތަކެއް އިސްވެ އޭވިއޭޝަނަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް އަމާޒުކޮށްފައިވާ ޕޭޖެއްކަން ފާހަގަކޮށްލެވެއެވެ.