މާލޭގައި މިވަގުތު ދިރިއުޅެމުން އަންނަ ރަށްރަށުގެ އާއިލާތަކުގެ ތެރެއިން މިއަހަރު ރަށަށް ބަދަލުވާ 500 އާއިލާއަކަށް ސަރުކާރުން 26.7 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމައިފިއެވެ.

އެގޮތަށް ނިންމާފައިވާކަން ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވަނީ މިއަދު އިއުލާނު ކުރައްވާފައެވެ.

އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ އިބްރާހިމް މުހައްމަދު ވިދާޅުވީ، ބަދަލުވާން އެދޭ ފަރާތްތަކަށް ކަނޑައެޅޭ މުއްދަތެއް ތެރޭގައި ދޭން ނިންމާ މާލީ އެހީތެރިކަމަކީ ދައުލަތައް މާލީ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލް އަޤްވާމީ ފަންޑިންގ އޭޖެންސީތަކަށް ހުށަހަޅައިގެން ހޯދިދާނެ ފައިސާއެއްކަމާއި މިފަދަ ޕްރޮގްރާމެއް ހިންގުމުގައި ޔުނިސެފް، އޫއެންޑީޕީ އަދި އަމިއްލަ ވިޔަފާރިތައް ނުވަތަ ސަރުކާރުގެ ހިއްސާ ކުންފުނިތައްވެސް ބައިވެރި ކުރެވިދާނެ ކަމަށެވެ.

މާލޭގައި ދިރިއުޅެމުން އަންނަ އާއިލާތަކުގެ ތެރެއިން ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް އެ މިނިސްޓްރީގެ ހޮޓްލައިން 1421 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރެވޭނެއެވެ.

އެ މިނިސްޓްރީން ބުނީ އަހަރަކު 500 އާއިލާ އެއް ރަށަށް ބަދަލުވާން އެހީތެރިވާން ނިންމާފައިވާ ކަމަށާއި އެކަމަަށް ދައުލަތުން 26.7 މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށެވެ.

އެ މަސައްކަތް ފެށުމަށް "އަމިއްލަ ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުން" ނަމުގައި ހާއްސަ އުސޫލެއް ވަނީ އެކުލަވާލާފައެވެ. އެ އުސޫލު ވަރަށް އަވަހަށް ގެޒެޓް ކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަށަށް ބަދަލުވާ އާއިލާތަކަށް ދިރިއުޅެވޭނެ މަގު ތަނަަވަސް ކޮށް ދިނުމަށް ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފައިސާ، ލޯނުގެ ގޮތުގައި ދިނުމަށްވެސް ވަނީ ނިންމާފައެވެ. އަދި ފަސޭހައިން ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމުކުރާނެއެވެ.

އޭނާ ވިދާޅުވީ، ވިދާޅުވީ، ދިރިއުޅެމުން ދާ ރަށް ބަދަލު ކުރުމަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅާނީ އެކަމަށް އެކުލަވާލާފައިވާ ކޮމިޓީއަކުން ކަމަށެވެ. ރަށަށް ބަދަލުވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ޝަރުތު ހަމަތޯ ބެލުމަށްޓަކައި އެސެސްމަންޓެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ. މި އެސެސްމެންޓުގައި އެފަރާތުގެ އާއިލާގެ މައުލޫމާތާއި ދިރިއުޅެމުގެ ހާލަތާއި ގުޅޭ އެންމެހާ މައުލޫމާތު އެއް ކުރެވޭނެއެވެ.

ދިރިއުޅުން ބަދަލު ކުރަން އެދޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ އިސްކަމެއް ދޭން ނިންމާފައިވަނީ ކުދިން އެންމެ ގިނަ އާއިލާތަކަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ އާއިލާތަކެވެ. ދެވަނައަށް ބެލެވޭނީ ދިރިއުޅޭ ބޯހިޔާވަހިކަމެއްގެ އިންތިޒާމު ބަދަލުވާން ބޭނުންވާ ރަށުގައި ހަމަޖެހިފައިވާ ފަރާތްތަކަށެވެ. އަދި އެއަށް ފަހު ދައުލަތުން ބޯހިޔާވަހިކަން ދޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ ފަރާތްތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބޯހަލާކު

  ހިފާގެންގުޅޭ ސާމާނުކޮޅު ރަށަށް ގެންދިއުމުގެ ނާލުދޯ ބަލަ ރާއްޖެތެރޭ މީހުން މާލެގޮސްތިބީކީ ފަންސާހަކަށް ހާސް ރުފިޔާއިން ކުރެވޭ ކަމެއް ނުކުރެވިގެނެއްނޫނޭ

  11
  2
  • Anonymous

   އިއްޔެ ރަށަށްދާން އެދެން އިއުލާނުކުރީ މިއަދި ދާ އަދަދާ ޚަރަދުވާނެ ވަރު ތި އިއުލާނުކުރީ. ޖިންނިންތަ ތި ހިސާބު ނެގުމާ އަގުތައް ހެދުމުގެ މަސައްކަތުގައި އުޅެނީ؟

   6
   2
  • ހާލުފޮޅި

   ލާރިއާހެދި މަރުދަން ޖެހެނީނު.. އެވަރު ލިބޭކަމަށްވެސް ޝުކުރުކޮށްބަލަ

 2. ސާއްލާ

  އިންތިޚާބެއް ބޯމަތިވެފަ އޮތީމާ ވަރަށް ކަންތައްތައް ފެންނާނެ!

  7
  1
 3. ޖަޒީރާ މުޅަދެވި

  ހެޔޮ ސަރުކާރު ކުދިންތައް ސްކޫލުން ކަޑާފަ މަލެއިން ބޭރުކޮށްލަނީދޯ ދެންވެސް ހީހީފާ އަތްޖަހާބަ

 4. ދިދަ ދަނޑި

  ބޭކާރު ހަރަދު ކުރުން ހުއްޓާލާ.. މިއަދު ދިޔައީ މާދަމާ އަންނާނެ.. އެހެންނޫނަސް އެމީހެއްގެ ރަށުގަ އެމީހެއްގެ ގެދޮރު ހުންނާނެ، އާއިލާ މީހުން ތިބޭނެ، ސަރުކާރުން ނުޖެހޭ ހަރަދު ކުރާކަށް.. މިދެން ބޮޑުވަރު.. އެމީހުން މާލެއައީ އަމިއްލައަށް، ސަރުކާރުން ހަރަދުކޮށްގެން މަޖުބޫރު ކޮށްގެނެއް ނޫން އެމީހުން އަންނަނީކީ.. މިވެސް ބޮޑު ވަބާއެއް