ޅ. ނައިފަރު ކައުންސިލްގެ މެމްބަރު އަދި އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ނައިފަރު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ކާރިމްގެ ސުލޫކީ މައްސަލައިގެ އިންކުއަރީ ރިޕޯޓެއް ހަދަން އެ ކައުންސިލްގެ އިދާރާއަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުއްދަ ދީ، އެ މައްސަލައިގެ އިންކުއަރީ ރިޕޯޓެއް ތައްޔާރު ކުރަން ނައިފަރު ކައުންސިލް އިދާރާއަށް އަންގައިފިއެވެ.

އެލްޖީއޭއިން މި އަހަރު ބޭއްވި އެ އޮތޯރިޓީގެ ތިންވަނަ ބައްދަލުވުމުގައި ނިންމި ނިންމުންތައް މިއަދު އާންމުކޮށްފައިވާއިރު، ޖުމުލަ ނުވަ ނިންމުމެއް ނިންމި އެ ބައްދަލުވުމުގައި ނައިފަރު ކައުންސިލަރު ކާރިމްގެ ދެ މައްސަލައަކާ ގުޅޭ ގޮތުން ގޮތެއް ނިންމާފައިވެއެވެ.

ފުރަތަމަ މައްސަލައަކީ ކައުންސިލަރުގެ ސުލޫކީ މިންގަނޑާ ކާރިމް ޚިލާފުވެފައިވާ ކަމަށް ބުނެ، ނައިފަރު ކައުންސިލް އިދާރާގެ މުވައްޒަފަކު އެ ކައުންސިލަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ބަޔާން ނެގުމަށް ފަހު ކައުންސިލް އިދާރާއިން އެލްޖީއޭއަށް ފޮނުވާފައިވާ މައްސަލައެކެވެ. އެއީ ކޮން މައްސަލައެއް ކަމެއް އެލްޖީއޭގެ ބަޔާނަކު ނެތެވެ.

މި މައްސަލައާ ގުޅިގެން ދާދި ފަހުން ނައިފަރު ކައުންސިލްގެ ރައީސްގެ މަގާމުން ދުރުކޮށްފައިވާ ކާރިމްގެ އެ މައްސަލައާ ގުޅޭ ގޮތުން އެލްޖީއޭގެ ބޯޑުން މަޝްވަރާކޮށް ނިންމާފައިވަނީ އެ މައްސަލައިގެ އިންކުއަރީ ރިޕޯޓެއް ތައްޔާރު ކުރުމުގެ ހުއްދަ ނައިފަރު ކައުންސިލްގެ އިދާރާއަށް ދިނުމަށެވެ. އަދި އެ ގޮތަށް ކުރިއަށް ދާން އެ ކައުންސިލަށް އެންގުމަށެވެ.

ދެވަނަ މައްސަލައަކީ ކާރިމްގެ ފަރާތުން އެލްޖީއޭއަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އެއީ ކާރިމް ހޯމް ކަރަންޓީނުގައި ހުންނެވި މުއްދަތެއްގައި ކައުންސިލްގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވިފައިނުވާއިރު، އޭނާގެ މުސާރައިން އެ ބައި އުނިކޮށްފައިވާ މައްސަލައެވެ. ކާރިމްގެ ފަރާތުން އެދިފައިވަނީ އޭނާގެ މުސާރައިގެ އެބައި އަލުން އިޔާދަކޮށްދިނުމަށެވެ.

ކަރަންޓީނު މުއްދަތުގައި ކައުންސިލަރުންނަށް ޚާއްސަ ޗުއްޓީއެއް ދިނުމަށް އެލްޖީއޭއިން އުސޫލެއް ކަނޑައަޅާފައިވާއިރު ކާރިމް ކަރަންޓީނު މުއްދަތެއްގައި ގޭގައި މަޑުކޮށްފައިވަނީ އެ އުސޫލު އެކުލަވާލުމުގެ ކުރިން ކަމަށް އެލްޖީއޭގެ ބަޔާނުގައިވެއެވެ. އެކަމަކު މީގެ ކުރިން ވެސް އެފަދަ ދެ މައްސަލައެއްގައި ކޮވިޑް-19 ގެ ހާލަތު އައުމުގެ ފަހުން ކައުންސިލަރަކު ކަރަންޓީނު ވާން ޖެހިއްޖެނަމަ ޗުއްޓީ ދޭން ނިންމާފައި އޮތުމުން ކާރިމަށް ވެސް އެ ފުރުސަތު ދޭން އެލްޖީއޭއިން ނިންމާފައިވެއެވެ.

ކައުންސިލް އިންތިހާބުގައި ނައިފަރު ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީގެ ޓިކެޓުގައި ކާރިމް ވާދަކުރައްވާއިރު، 2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވީ ކާރިމެވެ. އެކަމަކު އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްއާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާބޭބެ

    މީ ނައި ފަރުއަށް ހުރި ނުރައްކަލެއް މީނައެބަޖެހޭ ސައިޒްއަށްކަޑާލަން އެމްޑީޕީ ނައި ފަރުގަ ބައިބައި ޖުރަނީ މީނަ.