ކޮވިޑް-19 އަށް ފައްސިވި މީހަކު ފ. ނިލަންދޫ އަށް އެރުމާ ގުޅިގެން އެ ރަށުން 30 މީހަކު ކަރަންޓީންކޮށްފިއެވެ.

ނިލަންދު އަށް އެރި އެމީހަކީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދިން ހާއްސަ ހުއްދައާ އެކު ކަރަންޓީން ނުވާ ގޮތަށް އެ ރަށަށް ދިޔަ އީޕީއޭ ޓީމުގެ މެމްބަރެކެވެ. ހަތަރު މެމްބަރުންގެ ޓީމުގައި ހިމެނޭ އެމީހާ ނިލަންދު އަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރަށުގެ ކައުންސިލުން ހާމަކުރި ގޮތުގައި އެސެސްމަންޓަކަށް އައި އެމީހުން ފުރީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނިލަންދު އަށް އެރި މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ރަށުން 30 މީހަކު 10 ގެއެއްގައި ކަރަންޓީންކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެރަށް މޮނީޓަރިންއަށް ލައި ރަށަށް އަރައި ފޭބުން މަނާ ކޮށްފައެއް ނުވެއެވެ. އޮފިޝަލް ވިދާޅުވީ ރަށް މޮނިޓަރިން ހާލަތަށް ގެންނާނީ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަނި ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކަށް އެރުމަށް ހުއްދަ ދޭނީ ކޭބަލް އަދި މީޑިއާ ނެޓްވޯކްގެ ޚިދުމަތްތައް ދޭ ފަރާތްތަކަށާއި، ބޭންކުގެ ޚިދުމަތްތައް ފަރާތްތަކަށާއި ވޯޓަރ ސަޕްލައި، ކަރަންޓުފަދަ ޔުޓިލިޓީ ޚިދުމަތްތައް ދޭ ފަރާތްތަކަށާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި ވަގުތީ ގޮތުން ދޭންޖެހޭ ޚިދުމަތްތައް ދޭ ފަރާތްތަކަށާއި، މެއިންޓެނަންސް މަސައްކަތްތައް ކުރާ ފަރާތްތަކަށާއި، ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓް މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން، މިނޫންވެސް އާންމު ޚިދުމަތްތަކާގުޅޭ އެހެނިހެން މަސައްކަތްތައް ކުރާ ފަރާތްތަކަށެވެ. އެ ފަރާތްތަކަށް ރަށްރަށުގައި ހޭދަކުރެވޭނެެ އެންމެ ދިގު މުއްދަތަކީ ފަސް ދުވަހެވެ.

ނަމަވެސް ރާއްޖޭގައި ފަހަކަށް އައިސް، ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވަމުންދާތީ އެޗްޕީއޭ އިން ވަނީ އަނެއްކާ ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އެގޮތުން މާލެ ސަރަހައްދުން ރާއްޖޭގެ އެއްވެސް ރަށަކަށް ދަތުރުކުރާ ނަމަ ކަރަންޓީނުވުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި ހާއްސަ ހުއްދައާ އެކު ރަށްރަށަށް އެރުމަށްޓަކައި އެޗްޕީއޭ އިން މީހުންނަށް ދެމުން އައި ހުއްދަތައް ދިނުން ވަނީ މަޑުޖައްސާލައިފައެވެ.

ރާއްޖެ އިން މިހާތަނަށް 15،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 51 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮލްލޮލް

    ކިޔާގެން ރަށެއްގެ އާބާދީ އަތަށް ގޮއްވާލީ ހަމަ