ޏ. ފުވައްމުލަކު ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓް ކުރަން ފަށައިފިއެވެ.

ފުވައްމުލައް ހޮސްޕިޓަލުން ވިދާޅުވީ ކޮވިޑް-19 އަށް ޓެސްޓް ކުރާ މެޝިނުން ފުރަތަމަ ފަހަރަށް ސުންކެއް ޓެސްޓް ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ މެޝިނުން ކުރި ފުރަތަމަ ޓެސްޓްގެ ނަތީޖާ ކޮވިޑް-19 އަށް ނައްސިވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި އެ ކަމަށް ބަހައްޓާފައި ހުންނަނީ ޖީން އެކްސްޕާޓްގެ މެޝިނެކެވެ. އެ މެޝިނުން އެއް ފަހަރާ ޓެސްޓް ކުރެވެނީ ހަތަރު ސުންކެވެ. އަދި އެ ސުންކުތަކުގެ ނަތީޖާ ލިބުމަށް ދެ ގަޑިއިރު ހޭދަވެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތުދޭ ގޮތުގައި އެ ހޮސްޕިޓަލުން ޓެސްޓް ކުރަމުން ދާނީ ބަލީގެ އާލާމާތް ހުރި މިންވަރަކަށް ބަލާފައި އަވަހަށް ޓެސްޓްކޮށް ސުންކުގެ ނަތީޖާ ހޯދަން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ދޭ މީހުންގެ ސުންކު އެކަންޏެވެ.

އާންމު އުސޫލުން، އެ ސިޓީއަށް އައިސް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާ މީހުންގެ ސުންކުތައް ޓެސްޓް ކުރަން ފޮނުވާނީ މާލެއަށާއި އެ ސިޓީއާ ކައިރިން ދެކުނަށް އޮންނަ އައްޑޫ ސިޓީގެ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.