ބ. ކުޑަރިކިލުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކުޑަރިކިލު ކައުންސިލްގެ ނައިބު ރައީސް އަލީ މުސްތަފާ "ވަގުތު" އަށް މިއަދު ވިދާޅުވީ އެ ބައްޔަށް ފައްސިވެފައިވަނީ އެ އަތޮޅު އަނަންތަރާ ކިހަވައް ރިސޯޓުން އެ ރަށަށް އައިސް ހޯމް ކަރަންޓީނުގައި ހުރި ދިވެއްސެއް ކަމަށެވެ. އެމީހާ ކޮވިޑް-19 އަށް ފައްސިވި ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިެއވެ.

އަލީ މުސްތަފާ ވިދާޅުވި ގޮތުގައި އެ މީހާ ކުޑަރިކިލަށް އައުމަށް ފަހު އެއްވެސް ތަނަކަށް ޒިޔާރަތް ކޮށްފައި ނުވާ ކަމުގެ ޔަގީންކަން އޮތުމުން، އޭނާއާ ކޮންޓެކްޓްވެފައި ހުރި މީހަކު ނުހުންނާނެ ކަމަށެވެ.

ކުޑަރިކިލުގައި މި ވަގުތު ފައްސިވެފައިވާ ވޭދަނައަކަށް ހުރީ ވެސް މި ވޭދަނަ އެކަނި ކަމުގައި ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން މިހާރު އަތޮޅުތެރޭގެ އެކި ރަށްރަށުގައި ދަނީ ފެތުރެމުންނެވެ. މި ގޮތުން ގއ. ދެއްވަދޫއިން ފެނުނު އިހައާ ގުޅުން ހުރި ވޭދަނަމަތަކެއް އެ އަތޮޅު ދާންދޫއާއި ވިލިނގިލިން ފެނިފައިވާއިރު އެހެން ބައެއް އަތޮޅުތަކުގައި ވެސް ވޭދަނަތައް އެބަ އޮތެވެ.

މިދިޔަ ދެ ދުވަހު ގިނަ އަދަދެއްގެ ވޭދަނަތައް ފެނިފައިވެއެވެ. މިދިޔަ ދެ ދުވަހު ވެސް 24 ގަޑިއިރު ތެރޭގައި 100 އަށް ވުރެ ގިނަ މީހުން ބައްޔަށް ފައްސިވެފައިވެއެވެ. މި ގޮތުން ވެރިރަށް މާލޭގައި ވެސް ބަލި ފެތުރޭ ވަރު ގިނަވެފައިވެއެވެ. އެހެންކަމުން އެޗްޕީއޭއިން ވަނީ އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށިކޮށް މާލޭގައި ފަސް ގަޑިއިރަށް ކާފިއު ހިންގަން ފަށައިފައެވެ.