މަކަރާއި ހީލަތުން ރާއްޖެއަށް ތަރުކާރީއާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކަށް ދަންކަންޖެހޭ ފައިސާ ނުދައްކާ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލަތައް ފުލުހުންނަށް ހުށަހަޅަމުން ދާތީ މިފަދަ ކަންކަން ކުރަމުންދާ ފަރާތްތައް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު ފުލުހުން ވަނީ އޮޕަރޭޝަނެއް ހިންގައި، މާލޭގެ ދެ ގެއަކާއި ތިން އެޕާޓްމަންޓަކާއި އޮފީހެއް ބަލައިފާސްކޮށްފައިވާ ކަމަށާއި، މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން، ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުންހުރި ގިނަ ހެކިތަކެއް ހޯދާފައިވާ ކަމަށެވެ.

އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މައުލޫމާތު ދޭގޮތުގައި މަކަރާއި ހީލަތުން ރާއްޖެއަށް ތަކުރާރުކޮށް ތަރުކާރީއާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ 10 މައްސަލައެއް ފާއިތުވި އަހަރު ހުށަހެޅިފައިވެއެވެ. އަދި ޖަނަވަރީ މަހު މިފަދަ އެއް މައްސަލަ ހުށަހެޅިފައިވެއެވެ.

ފުލުހުން ވިދާޅުވީ، މިގޮތަށް އެތެރެކުރާ ތަރުކާރީއާއި މޭވާ ރާއްޖޭގެ ބާޒާރުގެ އަގަށްވުރެ އާދަޔާ ޚިލާފަށް ހެޔޮއަގަށް ވިއްކަމުންދާކަން ތަހްގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެހެންކަމުން މިކަމަކީ ދިވެހި ވިޔަފާރަވެރިންގެ އިތުރުން ގައުމުގެ އިގުތިޞާދަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރަމުންދާނެ ކަމަކަށްވީހިނދު، ވިޔަފާރި ކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދިނުމަށްވެސް އެޑިޕާޓްމަންޓުން އިލްތިމާސްކުރެއެވެ". ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ އަތުން ނުއަގުގައި މުދާ ނުގަތުމަށާއި މިކަންކަމަށް ހިތްވަރު ނުދިނުމަށް ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބްރާހިމް

    ހެޔޮވެރިކަމުގަ ފިޔަވަޚުއަޅާޖށެއް ނުޖެރޭނެ. އުޅޭނެގޮތަކަށްއުޅެންވީ.

  2. ވެރިން

    ތިވާނީ އިންޑިޔާ ބަޔަަކު ދިވެހި ބަޔަކަށް ލަނޑު ދިނީމަ ލާ ރި ނުދައްކަ އޮވެގެން އިނަޑިޔާބަޔަކު ޖައްސާއިގެން އުޅޭ މައްސަލަޔަކަށް ވާނީ

  3. އިބްރާހިމް

    އަނެއްކާވެސް އިންޑިޔާ ބަޔަކަށް ލާރިގަނޑެއް ދޭންޖެހެނީ. މި ގައުމުގެ ތަރުކާރީ މާރކެޓް ކޮންޓްރޯލްކުރަނީ އިންޑިޔާގެ ވިޔަފާރިވެރިންކަން ހަމަ ކޮންމެ މީހަކަށްވެސް އެނގޭނެ. ތަރުކާރީ ވިއްކަން ބާޒާރު ފިހާރަތަކުގައި ތިބީ އިންޑިޔާމީހުނެވެ.