މީހެއްގެ ކަރަށް ވަޅި ހަރައިގެން އެ ކުށަށް އިއުތިރާފްވި މީހަކު 10 އަހަރު ދުވަހު ދުވަަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ މ. އެވަފްރީ، ޒުލްމަހާސިން މުހައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި ކުށަށް ޒުލްމާހާސިން ތަހުގީގާއި ޝަރީއަތުގައި އިއުތިރާފްވެފައިވެއެވެ. އަދި ދައުލަތާއެކު ކުށުގެ އިއުތިރާފް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. ދައުލަތާއެކު އެއްބަސްވީ 10 އަހަރުގެ ޖަލު ހުކުމެއް ދިނުމަށެވެ. އެއީ އެ ކުށަށް އޮންނަ އެންމެ ކުޑަ އަދަބެވެ.

މި ކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ އަބަދަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށެވެ.

މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު ހުކުމުގައި ވަނީ އޭނާ ކުށަށް އިއުތިރާފްވެފައިވާތީއާއި ކުށަށް އިއުތިރާފް ވެފައިވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ބުއްދި ސަލާމަތުން ހުރެ ކަން ޝަރީއަތަށް ސާބިތުވާތީވެ ދައުލަތާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް 10 އަހަރަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ.

މިއީ ސެޕްޓެމްބަރު 23، 2020 ގައި ހިނގައިދިޔަ ކަމެކެވެ. މި މާރާމާރީގައި އަނިޔާ ލިބިފައިވަނީ މ. އަސަލް، އަހުމަދު ޝަމާލަށެވެ. ޝަމާލަށް އޭގެ ސަބަބުން ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އޭނާގެ މެޑިކަލް ރިޕޯޓްތަކުން ދައްކައެވެ.