އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ "ވަގުތު" އަށް މި ކަން ކަށަވަރުކޮށްދެއްވައިފައެވެ.

ހީނާ ވިދާޅުވި ގޮތުގައި އަދުރޭއާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވެސް މިއަދު ކޯޓަށް ހާޒިރުކުރިއެވެ. އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ އަދުރޭގެ މައްސަލަ ކަމުގައެވެ. އަދި އަދުރޭ ދޫކޮށްލަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ޝުޖާއުގެ މައްސަލަ ބެލުމަށް ފަހު ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އޭނާ ވެސް މިނިވަން ކުރުމަށެވެ.

އަދުރޭއާއި ޝުޖާއު ހައްޔަރުކޮށްފައިވަނީ އިއްޔެ މެންދުރުފަހު ހެލްތު މިނިސްޓްރީ ކައިރީ މުޒާހަރާ ކުރަމުން ދަނިކޮށެވެ. ހައްޔަރުކޮށްގެން އަދުރޭއާއި ޝުޖާއު ދޫނިދޫއަށް ވެސް އިއްޔެގެ ވަގުތެއްގައި ގެންދިޔައެވެ.

މިއަދު މެންދުރުފަހު ވަގުތެއްގައި ދެ ބޭފުޅުން އަނބުރާ މާލެ ގެނެސް ފުރަތަމަ ގެންދިޔައީ ފުލުހުންގެ ނޫސަންދަ ކްލިނިކަށެވެ. އެނގިފައިވާ ގޮތުގައި ދެ ބޭފުޅުންގެ ސިއްހީ ހާލުކޮޅު ދެރަވެގެން ޑޮކްޓަރަށް ދައްކަން ވެގެން ނޫސަންދަ ކްލިނިކަށް ގެންދިޔައީއެވެ.

އަދުރޭއާއި ޝުޖާއަށް ބަންދުގެ މުއްދަތު ޖަހަން މިއަދު ކޯޓަށް ހާޒިރުކޮށްފައިވާއިރު، މި ދެ ބޭފުޅުންގެ މައްޗަށް ބަންދުގެ މުއްދަތު ޖަހަން ފުލުހުން މަސައްކަތް ކޮށްފައިވަނީ ކޮން ތުހުމަތަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު އިދިކޮޅު ދެ ޕާޓީ ހިމެނޭ ކައުންސިލުން ނެރުނު ގަރާރަކަށް ފަހު އެ ކޯލިޝަނުން ގެންދަނީ މަގުމަތީ ހަރަކާތްތައް ގިނަ ކުރަމުންނެވެ. މިހާތަނަށް ހެލްތު މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީއާއި އިލެކްޝަންސް ކޮމިޝަން (އީސީ) ކައިރީ ވެސް މުޒާހަރާކޮށްފައިވެއެވެ.

ހެލްތު މިނިސްޓްރީ ކައިރީ މުޒާހަރާކޮށްފައިވަނީ އިންޑިއާއިން ދީފައިވާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ގޮވާލައެވެ. ފިނޭންސް މިނިސްޓްރީ ކައިރީ މުޒާހަރާ ކުރީ އިންކަމް ސަޕޯޓް އެލަވަންސްގެ އިންސާފުވެރިކަން ކަށަވަރު ކުރަން ގޮވާލައެވެ. އަދި އީސީ ކައިރީ މުޒާހަރާ ކުރީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަސް ކުރުމަށް ގޮވާލައެވެ.

މިއިން ކޮންމެ ހަރަކާތެއްގައި ވެސް އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައެވެ. އިދިކޮޅުގެ ހަރަކާތްތައް ގިނަކުރަން "ސީދާ ހަރަކާތް" އަށް ނުކުންނަން ކޯލިޝަންގެ ކައުންސިލުން ގަރާރެއް ފާސްކޮށްފައި ވަނީ ވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޤައުމުގެ ޑިމޮކްރެސީ ނެގެހެއްޓުމަށް މަސައްކަތްކުރައްވާ ފަނޑިޔާރުންނަށް ސާބަސް.

    5
    2
  2. ބަކުރު ބޭ

    ކޮވިޑާއި ހެދީ ޓިނު ޖަހާނެ މީހަކު ނުވެގެން ފަހުން ގެންދާ ގޮތަށް ދޫ ކޮށްލީ

    3
    2
  3. ޢިއްސެ

    ކިބޫ ހާދަ ބިރެކޭ ގަންނަނީ