ދިވެހި ރާއްޖޭގައި އޮޓޮޕްސީ ހަދަން ފުލުހުން ތައްޔާރު ވަމުން އަންނަ ކަން ހާމަކޮށްފައެވެ.

ފުލުހުން އޮޓޮޕްސީ ހަދަން ތައްޔާރުވަމުން އަންނަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުން ފުލުހުންނަށް އޮޓޮޕްސީ ހަދަން ދިން ބާރާއެކުއެވެ.

އޮޓޮޕްސީއަކީ މީހަކު މަރުވި ސަބަބު ދެނެގަތުމަށް މީހާގެ ހަށިގަނޑުގެ ގުނަވަންތައް ވަކި ވަކިން ނަގައިގެން ހަދާ ޓެސްޓެތަކަށް ކިޔާ ނަމެކެވެ.

ފުލުހުން ވިދާޅުވީ، ރާއްޖޭގައި އޮޓޮޕްސީ ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ދޭތެރެ ދޭތެރެއިން ކުރާ ކަމަށާއި، އެގޮތުން ފާއިތުވެދިޔަ ފަސް ވަރަކަށް އަހަރު ދުވަހުގެތެރޭގައި އެކި މިންވަރަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ނިމިދިޔަ 2020 ވަނަ އަހަރުގެ ތެރޭގައި ޖިނާއީ އިޖުރާތުގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ފުލުހުންނަށް އޮޓޮޕްސީ ހެދުމުގެ އިހުތިޔާރު މުތުލަގު ގޮތަކަށް ލިބިގެން ދިއުމުން އަނެއްކާވެސް މިކަމާ ގުޅުންހުރި މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

އޮޓޮޕްސީ ހަދަން ފެށުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނެ ބޭފުޅަކީ މީގެ 12 އަހަރު ކުރިން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވި ޕެތޮލޮޖިސްޓު އިންސްޕެކްޓާ އޮފް ޕޮލިސް ޑރ. ހަސަން އުމަރެވެ. ޑރ. އުމަރަކީ ޕެތޮލޮޖިސްޓެއްގެ ހައިސިއްޔަތުން މަރުގެ މައްސަލަތަކުގައި އުޅޭ ޑޮކްޓަރެކެވެ. އޮޓޮޕްސީ ހަދަން ފެށުމުގެ މަސައްކަތުގައި އޭނާގެ މަޝްވަރާ އާއި ހިޔާލު ހޯދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޑރ. އުމަރު ވިދާޅުވެފައި ވަނީ، އޮޓޮޕްސީ ނެހެދޭތީ ގިނަ މަރުގެ މައްސަލަތަކުގައި އަސްލު ސަބަބު ނޭނގޭ ކަމަށާއި މަރުވާ ސީދާ ސަބަބުތައް ދެނެގަތުމަކީ މަރުގެ މައްސަލަތައް ކޯޓުގައި ސާބިތު ކުރަން މުހިންމު އެއްކަން ކަމަށެވެ.

"އޮޓޮޕްސީ ނެހެދޭތީ ގިނަ މަރުތަކުގައި މަރުވާ އަސްލު ސަބަބު ބުނެނުދެވޭ. މަރުވިކަން އެބަ ބުނެދެވޭ. އަދި ޖެނެރެލީ މަރުވާންދިމާވީ މިހެންވެގެންނޭ އެބަ ބުނެދެވޭ. އޮޓޮޕްސީއެއް ހެދުމުން މި ބަލާ އެއްކަމަކީ މީހަކު މަރުވުމަށް އިނިޝިއަލީ ދިމާވި ސަބަބަކީ ކޮބައިކަން. އެންމެ ފުރަތަމަ ދިމާވީ ކޮން ސަބަބެއްތޯ. އޭގެ ސަބަބުން ދެން އަންނަ ޗެއިން އޮފް ރިއެކްޝަންތަކަކުން މީހަކު މަރުވެގެން މިދަނީ. ހާއްސަކޮށް ޖިނާއީ މައްސަލަތަކުގައި ކޯޓުގައި ސާބިތުކޮށްދޭންޖެހޭ އެއްކަމަކީ އެއީ،" ޑރ. އުމަރު ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ތިން ވަނަ އިސްލާހުގައިވާ ގޮތުން އޮޓޮޕްސީ ހަދަންވާނީ، މެޑިކަލް ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ފޮރެންސިކް ޕެތޮލޮޖިސްޓެއްގެ އެހީތެރިކަމާ އެކުގައެވެ.

މި އިސްލާހުގެ ދަށުން، ފުލުހުންނަށް މިހާރު ވަނީ އާއިލާގެ ރުހުމާ ނުލައިވެސް ޕޯސްޓް މޯޓަމް ހެދުމުގެ ބާރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު