އިދިކޮޅު ފަރާތްތަކުން ހެލްތު މިނިސްޓްރީ ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށް، ހައްޔަރުކުރި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޝުޖާއުއާ އެކު އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވެސް ހައްޔަރުކޮށް ދޫނިދޫއަށް އިއްޔެ ގެންދިޔައެވެ. އަދި މިއަދު މި ދެ ބޭފުޅުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރިއެވެ.

މިއަދު އެންމެ ފުރަތަމަ މި ދެ ބޭފުޅުން ވެސް އެންމެ ފުރަތަމަ ގެންދިޔައީ މާލޭގައި ހުންނަ ފުލުހުންގެ ނޫސަންދަ ކްލިނިކަށެވެ. އެނގިފައިވާ ގޮތުގައި އެއީ ދެ ބޭފުޅުން ވެސް ސިއްހީ ހާލުކޮޅު ދެރަވެގެން ޑޮކްޓަރަށް ގެންދިއުމަށެވެ.

އެއަށް ފަހުގައި ދެ ބޭފުޅުން ކްރިމިނަލް ކޯޓަށް ހާޒިރުކުއިރު، އެނގިފައިވާ ގޮތުގައި ދެ ބޭފުޅުން ވެސް މިނިވަން ކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަދުރޭއާއި ޝުޖާއަށް ބަންދުގެ މުއްދަތު ޖަހަން މިއަދު ކޯޓަށް ހާޒިރުކޮށްފައިވާއިރު، މި ދެ ބޭފުޅުންގެ މައްޗަށް ބަންދުގެ މުއްދަތު ޖަހަން ފުލުހުން މަސައްކަތް ކޮށްފައިވަނީ ކޮން ތުހުމަތަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު އިދިކޮޅު ދެ ޕާޓީ ހިމެނޭ ކައުންސިލުން ނެރުނު ގަރާރަކަށް ފަހު އެ ކޯލިޝަނުން ގެންދަނީ މަގުމަތީ ހަރަކާތްތައް ގިނަ ކުރަމުންނެވެ. މިހާތަނަށް ހެލްތު މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީއާއި އިލެކްޝަންސް ކޮމިޝަން (އީސީ) ކައިރީ ވެސް މުޒާހަރާކޮށްފައިވެއެވެ.

ހެލްތު މިނިސްޓްރީ ކައިރީ މުޒާހަރާކޮށްފައިވަނީ އިންޑިއާއިން ދީފައިވާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ގޮވާލައެވެ. ފިނޭންސް މިނިސްޓްރީ ކައިރީ މުޒާހަރާ ކުރީ އިންކަމް ސަޕޯޓް އެލަވަންސްގެ އިންސާފުވެރިކަން ކަށަވަރު ކުރަން ގޮވާލައެވެ. އަދި އީސީ ކައިރީ މުޒާހަރާ ކުރީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަސް ކުރުމަށް ގޮވާލައެވެ.

މިއިން ކޮންމެ ހަރަކާތެއްގައި ވެސް އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައެވެ. އިދިކޮޅުގެ ހަރަކާތްތައް ގިނަކުރަން "ސީދާ ހަރަކާތް" އަށް ނުކުންނަން ކޯލިޝަންގެ ކައުންސިލުން ގަރާރެއް ފާސްކޮށްފައި ވަނީ ވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނޫރީ

    ޤައުމުގެ ޑިމޮކްރެސީ ނެގެހެއްޓުމަށް މަސައްކަތްކުރައްވާ ފަނޑިޔާރުންނަށް ސާބަސް.

  2. އަލީ

    ކަލޯ 24 ގަޑިއިރު ވެސް ކެއްކޮށް ނުލެވުނުދޯ. އެހާ އަވަހަށް ސިއްހީ ހާލުކޮޅު ގޯސްވީ. އަދި ވެސް ފުޅާ ކޮށްފަ އަނގަތަޅާތި.

    1
    2
  3. ބަކުރު

    މިގައުމުގެ ވެރިމީހަކީ ދެބޯގެރިއެއް ގައުމުހަލާކުކޮށްފި.