ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ބަޔާން އިއްވަވަން ޖެހޭ އަދި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ވަދެވޭ މީހުންގެ އަދަދު މަދު ކުރަން ޖެހުމުން ކުރިން ދައުވަތު ދީފައިވާ ބައެއް މީހުންގެ ދައުވަތު ކެންސަލް ކުރަން މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން ނެރެފައިވާ ނޫސް ބަޔާނެއްގައިވާ ގޮތުން، އެ ޖަލްސާއަށް ވަނުމަށް ދައުވަތު ދޭން މިހާރު ނިންމާފައިވަނީ ސަރުކާރު ކެބިނެޓުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ސަފީރުންނާއި ހައި ކޮމިޝަނަރުންނަށެވެ.

އެހެންކަމުން މީގެ ކުރިން ޖަލްސާއަށް ވަޑައިގަތުމަށް ދައުލަތު ދެއްވާފައިވާ އެހެން ބޭފުޅުންގެ ދައުވަތު ކެންސަލް ކުރެވިފަިއވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެނގިފަިއވާ ގޮތުގައި އޭގެ ތެރޭގައި މިނިސްޓަރުންގެ އަނބިން ނުވަތަ ފިރިންނާއި މެންބަރުންގެ އަނބިން ނުވަތަ ފިރިން ހިމެނެއެވެ. އެއީ މީގެ ކުރީ އަހަރުތަކުގައި މަޖިލިސް ހުޅުވާ ޖަލްސާއަށް ދައުވާ އަރުވާ ބޭފުޅުންތަކެކެވެ.

އެކަމަކު އެ ބޭފުޅުންނަށް ދެވިފައިވާ ދައުވަތު ކެންސަލް ކުރަން ނިންމަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަން އަނެއްކާ ވެސް މާލޭގައި ފެތުރޭ މިންވަރު އިތުރުވެފައިވާތީ ސިއްހީ ރައްކާތެރިކަމާއި ގައިދުރުވުމުގެ ހަމަތަކުގެ ފިޔަވަޅު އެޅުމަށެވެ.

ގާނޫނު އަސާސީގައި އޮންނަ ގޮތުން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވަވަން ޖެހެއެވެ. އަދި އެ ރިޔާސީ ބަޔާނަށް ވާދަވެރި ޕާޓީތަކުގެ ފަރާތުން ރައްދެއް ވެސް ދޭން ޖެހެއެވެ.