ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާރވެންޓުން މާދަމާއިން ފެށިގެން ވަޒީފާއިން ސަސްޕެންޑްވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓަކީ ސަރުކާރުގެ ވަޒީފާއެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެއް ނަމަ މާދަމާއިން ފެށިގެން ވަޒީފާއަށް ނުނިކުތުމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގާނެ ކަމަށެވެ. އެހެން ނަމަވެސް އެ ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފި ނަމަ ވަޒީފާ އަލުން ރުޖޫއަ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލްސާވިސް މުވައްޒިފުންނަށް މި އުސޫލުގެ މަތިން އަމަލު ކުރެވުނު ނަމަވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ ކެންޑިޑޭޓުންނަށް އެ އުސޫލު ނުހިނގާނެކަމަށް ކަމަށެވެ.

"ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ސިވިލް ސަރވެންޓުން މާދަމާ އިން ފެށިގެން ވަޒީފާ އިން ސަސްޕެންޑްވާނެ. އެކަން ސިވިލް ސާރވިސް ކޮމިޝަން އިން އެބޭފުޅަކަށް އަންގަވާނެ. ނަން އަނބުރާ ގެންގޮސްފިނަމަ ވަޒީފާއަށް ރުޖޫޢަވެވޭނެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މި ހުކުމެއް ނުހިނގާނެ." ހަބީބް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމާފައެވެ. އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ތާވަލުކުރި އިންތިހާބު ފަސްކުރަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އޭރު މުޅި ރާއްޖެ ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުންނެވެ.

އިންތިހާބު ފަސްކޮށްފައި ވަނީ ސަންސެޓް ގާނުނުގެ ގޮތުގައި މަޖިލީހުން ހާއްސަ ގާނޫނެއް ފާސްކޮށްގެންނެވެ. އެޤާނޫނުގައި ބުނެފައިވަނީ އެ ޤާނުނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ.

އިންތިހާބުގެ ވަގުތީ ގާނޫނުގައި އޮންނަ ގޮތުން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ. އެކަމަކު އެ ތާރީހަށް އިންތިހާބު ނުބޭއްވޭ ނަމަ 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އީސީއިން އަންގަން ޖެހޭނެ ކަމަށްވެސް އެ އިސްލާހުގައިވެއެވެ.

ވަގުތީ ގާނޫނަށް އިސްލާހުތަކެއް ގެނެެއުމަށްފަހު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާއިރު، ގޭގެއަށް ނުގޮސް އޮންލައިން ޕްލެޓްފޯމުތަކުގައި ކެމްޕޭން ކުރުމަށާއި، އެއްވުންތަކާއި ޖަލްސާތައް ނުބާއްވައި، ކެމްޕޭން ކުރުމަށް އިންތިހާބާ ބެހޭ ގައިޑްލައިންގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜައްޔިތުމީހާ

    ތިޔޮތީ ވާއިނތިހާބެއް ސިވިލްސާވިސް ކެންޑިޑޭޓުން ރޮލާކާލަންވީނު 6މަހުގެ މުސާ ރަޔާ 2މަހުގެ ރޯދައެލަވަންސުފައިސާއިން މިފަހަ ރު ތި އިންތިހާބު ބާއްވަނީދޯ

  2. ބެއްޔާ

    ތިޔަ އިންތިހާބައް މާލޭ މީހުން އެއްވެސް ސައުގުވެރިކަމެއްނެތް! މާލެ/ހުޅުމާލެ/ވިލިގިލި/ތިލަފުށި /ގުޅީގަޅު ހިމެނޭގޮތައް އެޗެޑީސީއަށް މިސަރަހައްދު ތަކުގެ ބިންތައް އަންނި އާއި އަސްލަންޓޭ އަޑީގައި ތިބެގެން ލާމަރުކަޒީ ޤާނޫނާ ޙިލާފައްދީނިންމާފަ ވަނީ! ވިހާމަރުވާ މީހުންގެ ދަފްތަރު ބަލަހައްޓާކައް މާލެސިޓީއަށް މޭޔަރ އަދި ކައުންސިލަރުންނެއް ބޭނުމެއް ނުވާނެ! މާލޭ މީހުން މިފަހަރު ވޯޓްދޭގޮތަކައްނޫން މިތިބީ! އިންތިހާބު ބޮއިކޮޓްކޮއްލާނީ! #ނޯގޯތި ނޯވޯޓް.