ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި މިހާރު އިއުލާނުކޮށްފައިވާ ކާފިއު ގަޑީގައި ބޭރުގައި އުޅޭ ފަރާތްތައް ޖޫރިމަނާ ކުރަމުންދާނެ ކަަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި އަނެއްކާވެސް ކޮވިޑް-19 ފެތުރެން ވަނީ ފަށާފައެވެ. އެ ސަރަހައްދުން މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް ވަނީ އިތުރުވެފައެވެ. ފާއިތުވެ ތިން ދުވަހުވެސް މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް އުޅެނީ 50 އިން މަތީގައެވެ.

އެގޮތުން ރެއިން ފެށިގެން ދަންވަރު 12 ގެ ފަހުން މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިދީފައިވާ ބާރުގެ ދަށުން މިގޮތަށް ނިންމަވާފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

ރެެއިން ފެށިގެން މާލެ ސަރަހައްދުގައި ދަންވަރު 12 އިން ފަތިހު 4 އާ ދެމެދު މީހުން ބޭރަށް ނުކުމެ އުޅުން މަނާވާއިރު، ދުއްވާ އެއްޗެހި ދުއްވުންވެސް މަނާ ވާނެ އެވެ.

ފުލުހުން މިއަދު ވިދާޅުވީ، 27 ވަނަ ދުވަހުގެ ރެއިން ފެށިގެން ކާފިއު ވަގުތުގައި ބޭރުގައި އުޅުމަކީ މަނާ ކަމެއް ކަމަށާއި މިކަން ތަންފީޒު ކުރަން ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށެވެ.

ފުލުހުން ވަނީ ބޭރުގައި އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ކަމަށާއި އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފުވާ ފަރާތްތައް އިތުރު އިންޒާރަކާއި ނުލައި ޖޫރިމަނާ ކުރާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ފުލުހުން ވަނީ ކާފިއު ގަޑީގައި ބޭރުގައި އުޅުނު ފަރާތްތަކަށް ފިޔަވަޅު އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިޔުންތެރިޔާ

    ޖޫރިމަނާކުރުމަކީ މިހާރު ގައުމުގެ ލޭނާރު. މިކަން ކޮށްގެން ސޯލިހުބެގެ ސަރުކާރުން މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާވެސް ލަނދުގަންނުވާލައިފި. އިސްވެ ދެންނެވުނު 2 ކަމުން ގައުމަށް ލިބޭ އާމްދަނީއަށްވުރެން ރައްޔިތުމީހާ ދުއްވާ ސައިކަލުގަ ސްޓިކާ ޖަހައިގެންނާއި އެކި ނަން ނަމުގަ މިނަގާ ޖޫރިމަނާގެ ސަބަބުން ދައުލަތައް ވަންނަ ރެވެނިއު މާބޮޑަށްވެސް ރަނގަޅުކަމަށް ފެންނަނީ.

    10
  2. ހހ

    ޖޫރިމަނާ އެއް ނުކުރާނެ.... ކުރިއަސް ނުދައްކާ މީހުން ގިނަވާނީ... ތިގޮތަށް ކުރިން ކާފިއު ގަޑީގަ ޖޫރިމަނާ ކުރާ ވާހަކަ އެންގި ބޯނުލަބާ މަގުމަތީގަ މީހުން އުޅުނީ.. މީހުން އުޅޭ ވަރެއް މަދެއް ނުވޭ

  3. ހިބަރުވަދު

    ޖޫރިމަނާ ވެސް ކުރަންވީ.. ރައްޔިތުމީހާގެ ގޮހޮރު ނަގައިގެންވެސް ކާލާނެ މިވަރުން ދަންޏަ