ރާއްޖޭގެ އަތޮޅުގެ ތެރޭގެ ތިން ރަށެއްގެ ރީޖަނަލް ހޮސްޕިޓަލްގައި 400 ކިލޯވޯޓުގެ ސްޓޭންޑް ބައި ޖަނަރޭޓަރަކާއި ސިންކްރޮނައިޒް ބޯޑެއް ބެހެއްޓުމަށް ފެނަކަ އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތްތައް ކުރުމަށް މިއަދު ހެލްތް މިނިސްޓްރީ އާއި ފެނަކަ އާ ދެމެދު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މި މަސައްކަތުގެ ތެރެއިން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް 400 ކިލޯވޯޓުގެ ސްޓޭންޑް ބައި ޖަނަރޭޓަރަކާއި ސިންކްރޮނައިޒް ބޯޑެއް ބަހައްޓާނެއެވެ.

މި ތިން ރަށުގައިވެސް މި މަސައްކަތް ކުރުމަށް ދީފައި ވަނީ 90 ދުވަހެވެ.

މީގެ ތެރެއިން ކުޅުދުއްފުށި ހޮސްޕިޓަލްގެ މި ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 3,474,652.08 ތިން މިލިއަން ހަތަރުލައްކަ ހަތްދިހަހަތަރުހާސް ހަސަތޭކަ ފަންސާސް ދެރުފިޔާ އަށްލާރި އެވެ. އުނގޫފާރު ހޮސްޕިޓަލްގެ މި ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 3,290,350.00 ތިންމިލިއަން ދެލައްކަ ނުވަދިހަހާސް ތިންސަތޭކަ ފަންސާސް ރުފިޔާއެވެ ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މި ޕްރޮޖެކްޓްގެ އަގަކީ 3,474,652.08 ތިން މިލިއަން ހަތަރުލައްކަ ހަތްދިހަހަތަރުހާސް ހަސަތޭކަ ފަންސާސް ދެރުފިޔާ އަށްލާރި އެވެ.

މީގެ އިތުރުން، ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީޓީ ރޫމަށް ބޭނުންވާ ކަރަންޓު ގުޅުމަށްޓަކައި އަޅާފައިވާ މައިކޭބަލް ބޯޑަށް ގުޅުމާއި ސީޓީ ރޫމްގައި ޑިސްޓްރިބިއުޝަން ބޮކްސް ބެހެއްޓުމަށް ފެނަކަ އާ ވަނީ ހަވާލުކޮށްފައެެވެ. މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް ކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ 132,311.25 އެއްލައްކަ ބައްތިރީސްހާސް ތިންސަތޭކަ އެގާރަ ރުފިޔާ ފަންސަވީސް ލާރިއަށެވެ.