ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައި ތިބި ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ގެންދެވޭނެ އެންމެ ފަހު ތާރީހަކީ ފެބުރުއަރީ މަހުގެ 11 ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވިދާޅުވެއްޖެ އެވެ.

މިދިޔަ އެޕްރީލް ހަވަނަ ދުވަހު ބާއްވަން އުޅުނު އިންތިހާބު ލަސް ކޮށްފައިވަނީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެންނެވެ. އިންތިހާބު ލަސް ކުރުމަށް ފަހު ނަން އަނބުރާ ގެންދަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ އެއް އަހަރު ދުވަހު މުއްދަތެއް ދެން އިންތިހާބު ބޭއްވުމާ ދެމެދު ވާތީއެވެ.

ނަން އަނބުރާ ގެންދިއުމުގެ ފަހު ފުރުސަތަކީ ފެބުރުއަރީ 11 ވަނަ ދުވަހުގެ 14:00 އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23ގަ އެވެ. އެގޮތުން ބަލާއިރު، މިހާތަނަށް 100 އަށްވުރެ ގިނަ ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

ކައުންސިލް އިންތިހާބު ބާއްވަން މިހާރު އިލެކްޝްންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ތާރީހަކީ އެޕްރީމް 10 ވަނަ ދުވަހެވެ.

މީގެ ކުރިން ބޭއްވި ކޮމިޓީގެ ބައްދަލުވުންތަކުގައި މި އަހަރުގެ އޭޕްރީލް މަހާއި ޖޫން މަހާ ދެމެދުގެ މުއްދަތުގެ ތާރީޚެއްގައި އިންތިހާބު ބޭއްވުމަށް ސިޔާސީ ޕާޓީތަކާ އެކު އީސީއިން މަޝްވަރާ ކޮށްފައިވެއެވެ.