ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ހަތް ކެންޑިޑޭޓެއްގެ ނަމާއެކު ޖުމްލަ 14 ކެންޑިޑޭޓެއްގެ ނަން އަނބުރާ ނަގައިފިއެވެ.

މި 14 ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ހަތް ކެންޑިޑޭޓުންނާއި، އިދިކޮޅު ޕީޕީއެމްގެ ދެ ކެންޑިޑޭޓުންގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި ފަސް ކެންޑިޑޭޓުންނެވެ.

މިއާއެކު އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ނަން އަނބުރާ ނަގާފައިވާ ކެނޑިޑޭޓުންގެ އަދަދު ވަނީ 114 އަށް އަރައިފައެވެ.

އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން މިފަހަރު ނަން އަނބުރާ ނަގާފައި ވަނީ މ.ދިއްގަރު ކައުންސިލަށް ވާދަކުރި ކެންޑިޑޭޓަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ޅ. ހިންނަވަރު، ލ. މުންޑޫ، ރ. އިންނަމާދޫ، ށ. މަރޮށި ދާއިރާއަށް ވާދަކުރި ކެންޑިޑޭޓުންނެވެ. އަދި ބ. ފުޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓަކުވެސް ނަން އަނބުރާ ނަގާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ނަގާފައިވަނީ ރ. ރަސްގެތީމާއި، މާކުރަތު ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓެކެވެ. އަދި އަމިއްލަ ކެނޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ގދ. ހޯނޑެއްދޫ، ލ.ކަލައިދޫ ކައުންސިލަށް ވާދަކުރި ކެނޑިޑޭޓުންނާއި ގދ.ނަޑެއްލާ ކައުންސިލަށް ވާދަކުރި ދެ ކެންޑިޑޭޓެއްގެ އިތުރުން ސ.މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެކެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައި ތިބި ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ގެންދެވޭނެ އެންމެ ފަހު ތާރީހަކީ ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހުގެ 14:00ގެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ގައެވެ. ނަމަވެސް އިންތިހާބު ލަސް ކުރުމަށް ފަހު ނަން އަނބުރާ ގެންދަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ އެއް އަހަރު ދުވަހު މުއްދަތެއް ދެން އިންތިހާބު ބޭއްވުމާ ދެމެދު ވާތީއެވެ.

މިދިޔަ އެޕްރީލް ހަވަނަ ދުވަހު ބާއްވަން އުޅުނު އިންތިހާބު ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ލަސްކުރުމަށްފަހު މިހާރު އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ ލެއި

    އަލުން އިންތިހާބް އިއުލާން ކުރާށޭ. އިތުރު މީހުންނަށް ފުރުސަތު ހުޅުވާށޭ.