ހަގީގީ ބާއްޖަވެެރިކަމަކީ މާއްދީ ގޮތުން ހާސިލްވާނެ އެެއްޗެއް ނޫން ކަމަށާއި، ހަގީގީ ބާއްޖަވެރިކަން ލިބޭނީ ކުރާ ހެޔޮ އަމަލުތަކުން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާގައި އަލިއަޅުވާލާފައި ވަނީ "ހަގީގީ ބާއްޖަވެރިކަމުގެ" މައްޗަށެވެ.

ހުތުބާގައި ވަނީ ދުނިޔޭގައި ކޮންމެ މީހަކު ވެސް މަސައްކަތް ކުރަމުން އަންނަނީ އުފާވެރިކަމާއި ބާއްޖަވެރި ދިރިއުޅުމެއް ހޯދުމަށް ކަމަށެވެ. ހަގީގީ ބާއްޖަވެެރިކަމަކީ މުއްސަނދިކަމުން ގަނެވޭނެެ އެއްޗެއް ނަމަ ކޮންމެ މީހަކު އެކަން ކުރާނެެ ކަން ކަށަވަރު ކަމަށާއި، އަސްލު ހަގީގީ ބާއްޖަވެރިކަން ހޯދާނެ ގޮތް ދެނެގަތުން މުހިންމު ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. މީހުންގެ ވިސްނުން ތަފާތުވާ ގޮތަށް އެކި މީހުން ހަގީގީ ބާއްޖަވެރިކަން މާނަކުރާ ގޮތްވެސް ތަފާތެެވެ.

"އެއް ބަޔަކު ދެކޭ ގޮތުގައި ބާއްޖަވެރިކަމަކީ މުއްސަނދިކަމެވެ. ނުވަތަ މަތީ މަގާމަކާއި ހަމަޔަށް ވާސިލުވުމެވެ. ނުވަތަ އެންމެ ބޮޑަށް ބޭނުންވާ އެއްޗެއް ހާސިލުވުމެެވެ. ނަމަވެެސް އުފެދޭ ސުވާލަކީ ބާއްޖަވެރިކަމަކީ މިއީހެއްޔެވެ؟" ހުތުބާގައިވެއެވެ.

ހުތުބާގައި ވަނީ ހަގީގީ ބާއްޖަވެރިކަމަކީ މުއްސަނދިކަމާއި މުދާވެރިކަމަށްވީ ނަމަ އެންމެެ ބޮޑު ބާއްޖަވެރިއަކަށް ގާރޫނު ވާނެެ ކަމަށެވެ.

ގާރޫނާއި ބެެހޭ ގޮތުން މާތް ﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައި ވަނީ، "ހަމަކަށަވަރުން ގާރޫނަކީ މޫސާގެފާނު ގައުމުގެ މީހުންގެ ތެރެއިން މީހެކެވެ. ފަހެ، އޭނާ އެއުރެންގެ މައްޗަށް ބޮޑާވެެގަތެވެެ. އަދި ތިމަން ރަސްކަލާންގެ އޭނާއަށް ގިނަވެގެންވާ (މުދާތަކުގެ) ހަޒާނާތައް ދެއްވީމެވެ. ހަމަކަށަވަރުން ވަރުގަދަ ޖަމާއަތެއްގެ މީހުންނަށް، އެ ހަޒާނާތަކުގެ ތަޅުދަނޑިތައް އުފުލުން ވަނީ ބުރަވެފައެވެ. އޭނާގެ ގައުމުގެެ މީހުން އޭނާ އަށް ބުނި ހިނދެވެ. (ކިބުރުވެރިވުމުގެ ގޮތުން) އުފާ ނުކުރާށެވެ. ހަމަކަށަވަރުން ބޮޑާވުމުގެެގޮތުން އުފާކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންނެެއް ނުވެއެވެ."

ހުތުބާގައި ބުނީ ހަގީގީ ބާއްޖަވެެރިކަމަކީ ﷲ އަށް އީމާންވުމާއި ﷲ އެންގެވި ގޮތް އިހްތިޔާރުުކުރުމާއި، އެެކަލާނގެ ނަހީކުރައްވާ ކަންކަމާއި ދުރުހެލިވުމުން އޭނާގެެ ހިތުގައި ލައްވާ ހަމަޖެހުން ކަމަށެވެ. އަދި ﷲ އަށް ފުރިހަމައަށް އީމާންވެގެެން މެނުވީ ހިތަކަށް ހަގީގީ ހަމަޖެހުމެއް އަދި ބާއްޖަވެރިކަމެއް ނުލިބޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ކޮންމެ މީހަކުވެސް މިއަދު ގަދަ އަޅައި މަސައްކަތް ކުރަމުން ދަނީ ހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށްޓަކައި ކަމަށާއި އެމީހުން މަސްއޫލުވެ އުޅެނީ ދުނިޔެވީ ކަންކަމުގެ މަތީގައި ކަމަށް ހުތުބާގައިވެއެވެ. ނަަމަވެސް އެމީހުން ބާއްޖަވެެރިކަން ދެއްވާނެކަމަށް ވައުދުވެވޮޑިގެންވާ ގަދަ ކީރިތިވަންތަ ﷲ މަތިން ހަނދުމަ ނުކުރާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

"ހަގީގީ ބާއްޖަވެރިކަމަކީ އެއީ ނޫންހެއްްޔެވެ؟ ނަމަވެސް އެެ ބާއއްޖަވެރިކަމާއި މަތިވެރިކަން ހާސިލްކުރުމަށް މަސައްކަތް ކުރަނީ ކިތައް މީހުން ހެއްޔެވެެ؟ ހެނދުނު ހެނދުނާ ވަޒީފާއަށް ގަޑިނުޖެެހި ދިއުމަށްް މަސައްކަތް ކުރާއިރު، ފަތިސް ނަމާދު އޭގެ ވަގުތުގައި ކުރުމަށް މުހިންމުކަން ދެނީ ކިތައް މީހުން ހެއްޔެވެ؟ އާދޭހެވެ! ބާއްޖަވެރި އުފާވެރި ދިރިއުޅުމެއް ބޭނުންވާނަމަ ބާއްޖަވެރިކަމުގެ ދެ އަސާސް ކަމުގައިވާ އީމާންކަމާއި، ﷲ އަށް ކިޔަަމަންތެރިކަން އަދާކުރުމަށް އަވަސްވެގަތުމަށް އެންމެެހާ މުސްލިމުތަކުންނަށް ވަސިއްޔަތްކޮށް ނަސޭހަތްތެރިވަމެވެ" ހުތުބާގައިވއެވެ.