ތިން ގައުމެއްގެ ޚާރިޖީ ވަޒީރުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ.

ޝާހިދު، ވަކިވަކިން މަޝްވަރާ ކުރެއްވި ބޭފުޅުންނަކީ ސިއޭރަލިއޯންގެ ފޮރިން މިނިސްޓަރު ނަބީލާ ތޫނިސް، މެލޭޝިއާގެ ފޮރިން މިނިސްޓަރު ހިޝާމުއްދީން ހުސެއިން އަދި ބްރޫނާއީ ދާރުއްސަލާމްގެ ފޮރިން މިނިސްޓަރ ދާތޯ އެރިވަން ޔޫސުފް އާއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މި ފޯން ކޯލްތަކުގައި އެމގައުމުތަކާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަގުވާމީ މަސްރަހުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން ޝާހިދު މަޝްވަރާ ކުރެއްވި ކަމަށެވެ.

މިދިޔަ ހަފްތާގައި ޝާހިދު ވަނީ ބޭރުގެ ބައެއް ގައުމުތަކުން ރާއްޖެ އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ އެކު ވާޗުއަލްކޮށް ބައްދަލުވުންތައް ބާއްވައިފައެވެ. އެގޮތުން ޔޫރަޕްގެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއާ ބައްދަލުކުރައްވައި، ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓްތަކަށް ބޭރު ކުރުމުގައި ފަސޭހަ ގޮތްތަކެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ހަމައެއާއެކު ތިމާވެއްޓާއި ކައުންޓަ ޓެރަރިޒަމްގެ ދާއިރާއިން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓްރީން ވިދާޅުވީ ފްރާންސުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެވަޓޫ އެރިކްއާ ޝާހިދު ބައްދަލު ކުރައްވައި މޫސުމީ ބަދަލުތަކާއި ކައުންޓަ ޓެރަރިޒަމްގެ ދާއިރާ އިން ގުޅުން ބަދަހި ކުރުމުގެ އިތުރުން ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓަށް ބޭރު ކުރެވޭނެ އިތުރު މަގުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ޝާހިދު ވަނީ އެމެރިކާ އަދި އެސްޓޯނިއާގެ އާ ޚާރިޖީ ވަޒީރުންނަށް މަރުހަބާ ދަންނަވައިފައެވެ. އަދި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ޚާރިޖީ ވަޒީރަށާއި، އޮސްޓްރޭލިއާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ޚާރިޖީ ވަޒީރަށް ވެސް ޝާހިދު ތަހުނިޔާގެ މެސެޖް ފޮނުއްވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ބައިނަލްއަގްވާމީ ދަތުރުފަތުރަށް ހުރަސްތަކެއް އެޅިފައިވީ ނަމަވެސް، މެދުކެނޑުމެއް ނެތި އެކުވެރި ގައުމުތަކުގެ ވެރިންނާއި އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ވެރިންނާއެކު ޝާހިދު ގެންދަވަނީ މަޝްވަރާކުރައްވައި، ގުޅުން ބަދަހިކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖަނާޒާ

    މީ އެއްކަލަ ހިބަރު ވަދުން ވޯޓު ހޯދާ ކަލޭގެދޯ! އަނގަ މިނިސްޓަރު

  2. ސްކިޕަރ

    ރައްޔިތުންނަށް ފުދޭވަރަށް ޑަބްލިއު އެޗް އޯ އެޕްރޫފްކޮށްފައި ހުރި ވެކުސިނެއް ހޯދޭތޯ ނިކަން އުޅެބަ ކަލޯ ޝާހިދާ. އެންމެ 5 ލައްކަ މީހުންނަށް މިވަރުކަމެއް ކޮށްދޭންވެސް ނޭގުނުތާ

  3. ފާތިޔެ

    ތިން ގައުމުގެ ވަޒީރުންނާއި ބައްދަލުކުރީ ބަނާނާ ރާއްޖޭގައި ޑިމޮކޮރޮސީ އޮތްވާހަކައާއި އަދުލުއިންސާ ފު ގާއިމުވެފައިވާލެއް ފުރިހަމަކަމާއި ޖުޑީޝަރީ މިނިވަން ވެ ފައިވާ ވަރު ބުނެދޭންދޯ..އެމީހުންނަށް ކަލޭމެން ރަގަޅަށް ކިޔާވާދޭތި.

  4. ހުސޭނުބޭ

    މީނާ އަމިއްލަ އެދުމައިގެން ދަނޑިޖަހަނީ އިންޓަނޭޝަނަލްކޮށްތަ؟

  5. އަލީ

    ނިކަން ކާޕެޓެއް ލިބޭތޯ މަޝްވަރާ ކޮއްބަލަ....