ވ. ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ފަށައި ޕޮލިސް ޕޯސްޓެއް އިއްޔެ ހުޅުވައިފިއެވެ.

ކެޔޮދޫގައި ބޭއްވި ރަސްމިއްޔާތު ޕޯސްޓް ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ރާއްޖޭގެ ދިދަ ނަންނަވައި ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން ދެކެވި ވާހަކައިގައި ވިދާޅުވީ ފުލުހުން ފަށައިގަންނަ ހިދުމަތް ކާމިޔާބުވެގެން ދާނީ ރައްޔިތުން އެ ހިދުމަތް ބަލައިގަތް މިންވަރުން ކަމަށެވެ.

ފުލުހުންނަކީ ދިމާވާ ކޮންމެދަތި ކަމެއްގައި ނުވަތަ ހާލާތެއްގައި އަމިއްލަ ނަފްސާއި ފުރާނައަށް ބެލުމެއް ނެތި ރައްޔިތުންގެ ހައްގުގައި ނުކުތުމަށް ހުވާކޮށްގެން ތިބެ އެކަން ސާބިތުކޮށްދީފައިވާ ބައެއް ކަމަށާއި ފުލުހުންނަށް އިހުތިރާމް ކުރަންޖެހެނީ އެހެންވެކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިހާރު މިއޮތް ކޮވިޑް-19 ހާލަތުގައިވެސް ފުލުހުންގެ އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހޭ ކަމަށާއި ފުލުހުން ވެވަޑައިގެންނެވި ގުރުބާނީ އަބަދުވެސް ހަނދާން ކުރަންވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ކޮންމެ ރަށެއްގައި ފުލުހުން ގާއިމްވެތިބެ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަކީ ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަމަށް ކޮންމެގެން ބޭނުންވާ ކަމެއްކަމަށް ސަރުކާރުން ގަބޫލުކޮށް، އެސިޔާސަތުގެ ދަށުން ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް އިމްރާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ހަމީދު ދެއްކެވި ވާހަކައިގައި ފުލުހުންގެ ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އަމާޒުކުރެވިފައިވަނީ ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ އަދި ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ބަދަލުކުރުމަށް ކަމަށް ވިދާޅުވިއެވެ.

އަދި ލޯކަލް ޕޮލިސިން ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރޭގައި ކަނޑައަޅާފައިވަނީ އަތޮޅު ތެރޭގައި ދެވޭ ހިދުމަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަގުސަދުގައި ކަމަށާއި ކެޔޮދޫގައި ހުޅުވި ޕޮލިސް ޕޯސްޓަކީ އެއަމާޒަށް ވާސިލްވުމަށްޓަކައި ކުރިއަށް އެޅުނު ފިޔަވަޅެއްކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ފުލުހުންގެ ހިދުމަތަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އިންގިލާބީ އެއް ބަދަލަކީ އަވަށްޓެރި ފުލުހުންގެ ހިދުމަތް ކަމަށާއި މިހިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އާއި ގއ. އަތޮޅު އަދި ގދ. އަތޮޅުގައި ފެށިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިއްޔެ ހުޅުވިގެންދިޔަ މި ޕޯސްޓްގެ ސަބަބުން ކެޔޮދޫގައިވެސް އަވަށްޓެރި ފުލުހުންގެ މަސައްކަތް ފެށުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.