މާލޭގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ސަޕޯޓަރުން ކުރަމުންދާ މުޒާހަރާގެ ތެރެއިން ފުލުހުންނާއި މުޒާހަރާގެ ބައެއް ބައިވެރިންނާ ކުރިމަތިލައި، ބައެއް މީހުން ހައްޔަރުކޮށްގެން ގެންގޮސްފިއެވެ.

"އިންސާފު ކޮބައި؟" ގެ ނަމުގައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ގެންދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މުޒާހަރާ ކުރަމުންނެވެ. މާލޭގައި ވެސް މުޒާހަރާ ކުރަމުންދާއިރު މުޒާހަރާ ހުއްޓުވަން އެސްއޯ ފުލުހުންގެ ބައެއް އޮފިސަރުން ނުކުމެ އެބަ އުޅެއެވެ.

މި ގޮތުން ފުލުހުންގެ ބައެއް މީހުނާއި މުޒާހަރާގެ ބައެއް ބައިވެރިންނާ ކުރިމަތިލުންތައް ހިނގަމުންދާއިރު، ބައެއް މީހުން ހައްޔަރުކޮށްގެން ފުލުހުންގެ ޖިޕަށް އަރުވައިގެން މިހާރު ގެންގޮސްފައިވެއެއެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި މިހާތަނަށް 11 މީހަކު މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރޭގައި ކޯލިޝަންގެ ކައުންސިލް މެންބަރެއް ކަމުގައިވާ ނަބީލް ޒަމީލް ވަނީ ހައްޔަރުކޮށްގެން ގޮސްފައެވެ.

ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅަމުން ދިޔަ ނަމަވެސް މުޒާހަރާ އަދި ހުއްޓާ ނުލާނެ ކަމަށް ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ވިދާޅުވެއެވެ. ލީޑާޝިޕްގެ އެކި ބޭފުޅުން މައުލޫމާތު ދެއްވި ގޮތުގައި މިރޭ 12:00 ޖަހަން ދެން މިއަދު ފެށި މުޒާހަރާގެ ހަރަކާތް ކުރިއަށް ގެންދާނެއެވެ.

އިދިކޮޅު ކޯލިޝަނުން "ސީދާ ހަރަކާތް" އަށް ނުކުންނަން ކޯލިޝަންގެ ދެ ޕާޓީ ހިމެނޭ ކައުންސިލުން ގަރާރެއް ފާސްކުރީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. އެއީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވަނިކޮށެވެ.

މި އަށް ފަހު ކޮންމެ ދުވަހަކު ގޮތަކަށް މާލޭގައި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ލީޑް ކުރައްވައިގެން ސަޕޯޓަރުން މުޒާހަރާ ކުރަމުންދެއެވެ. މިއިން ކޮންމެ މުޒާހަރާއެއްގައި ސަރުކާރުގެ އެކި ކަންކަން ރަނގަޅު ކުރުމަށް ގޮވާލައެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށާއި ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލަން ގޮވާލައެވެ.

އިންޑިއާއިން ދީފައިވާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ގޮވާލައި ހެލްތު މިނިސްޓްރީ ކައިރީ މުޒާހަރާ ކުރިއެވެ. އިންކަމް ސަޕޯޓް އެލަވަންސްގެ އިންސާފުވެރިކަން ކަށަވަރު ކުރަން ގޮވާލައި ފިނޭންސް މިނިސްޓްރީ ކައިރީ މުޒާހަރާ ކުރިއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަސް ކުރުމަށް ގޮވާލައި އިލެކްޝަންސް ކޮމިޝަން ކައިރީ ވެސް މުޒާހަރާ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޭމް

    ޢިހްތިޖަދު ކުރެވެން ވާނެ މީ ޑިމޮކްރެޓިކް ގައުމެށް

  2. ރައްޔިތުމީހާ

    މިބަލިން އަރައިގަނެވިގެންދޯ ރަނގަޅަށް އިންތިޚާބެއްވެސް ބޭވޭނީ، މިގައުމުގަ މިބަލިމަޑުކަން އޮތްކަން އެއީ ޙަޤީގަތެއް ، ހޮސްޕިޓަލުގައިވެސް އެތައްބަޔަކު އެޑުމެޓުކޮށްގެން ފަރުވާދެނީ، ކައިރި ޤައުމު ތަކުގައިވެސް އެ އުޅެނީ ސަލާމަތް ނުވެގެން ، މިއަދު މެލޭގައި ދިރިއުޅުއްވާ ބޭފުޅަކު ވިދާލުވީ އެތާގައި އިންތިޚާބަކަށް ކެންޕޭން ކޮށް އިންތިޚާބު ބޭވިފަހުންނޭ އެހާ ޙާލަތުގޯސްވެން ދިޔައީ، އެއީ އަމިއްލަ އުފެއްދުންތެރިކަންހުރި ޤައުމެއް އެކަމަކު އަހަރުމެންތަފާތު ، މިދިޔަ އަހަރުންފެށިގެން އުޅެމުންއައި ދަތިހާލުން ހާލަތު ރަނގަޅުވުމުގެ ނިޝާންތައް ފެށީއެވެ. ކޮންމެ ބޭފުޅެއްވެސް އަމިއްލަ ޒިންމާ އަދާކުރައްވާ!