ޏ. ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީންގައި ތިބި އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެކަން ހާމަކޮށް އެރަށު ހޮސްޕިޓަލުން ބުނީ، އެ މީހުންނަކީ 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމަށްފަހު އިއްޔެ ކޮވިޑް-19 އަށް ސުންކު ނެގި ދެ މީހެއް ކަމަށެވެ.

އަދި އާއްމު އުސޫލުން ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެރަށު ހޮސްޕިޓަލުން ބުނީ، ކޮވިޑް-19ގެ ރޯގާ ބަލި ފެތުރޭ މިންވަރި އަނެއްކާވެސް އިތުރުވެފައިވާތީ މި ސިޓީގެ ރައްޔިތުން، ރައްކާތެރިކަމަށް އިތުރު ސަމާލުކަން ދެއްވުން އެދޭ ކަމަށެވެ. އެގޮތުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ބޭރުގައި އުޅުއްވާއިރު މާސްކް އެޅުއްވުމާއި ގިނަގިނައިން އަތްދޮވުން އާދަ ކުރެއްވުމަށް އެ ހޮސްޕިޓަލުން ނަސޭހަތްތެރިވެފައި ވެއެވެ.

އަދި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ފުރަތަމަ ހޮސްޕިޓަލަށް ގުޅައި، އެފަދަ އަލާމާތެއްގެ މައުލޫމާތު ހިއްސާ ކުރުމަށާއި، ހޮސްޕިޓަލުން ދޭ އިރުޝާދާއެކު ޑޮކްޓަރަށް ދެއްކެމަށް ނަސޭހަތްތެރިވެފައި ވެއެވެ.

އެރަށުން މީގެ ކުރިންވެސް ކަރަންޓީންގައި ތިބި ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.