އިންސާފު ހޯދުމަށް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި "އިންސާފު ކޮބާ" ގެ ނަމުގައި ކުރާ މުޒާހަރާއިގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ 130 ރަށެއްގައި ކުރިޔަށް ގެންދިޔަ މި އިހްތިޖާޖްގެ ތެރެއިން 13 މީހެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް)، އާއި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ގެ އިތުރުންއެންސީގެ ކައުންސިލް މެެމްބަރު ނަބީލް ޒަމީލްއާއި ސްޓިިއަރިންގް ކޮމިޓީގެ މެމްބަރުން ހިމެނެއެވެ.

ޓޮމްއާއި ހަލީލް ހައްޔަރުކޮށްފައި ވަނީ މިރޭގެ ވަގުތެއްގައެވެ. ނަބީލްއާއި ސްޓިިއަރިންގް ކޮމިޓީގެ ބައެއް މެމްބަރުން ހައްޔަރުކޮށްފައި ވަނީ މިއަދު ހަވީރުއެވެ. ނަމަވެސް ހައްޔަރުކުރި އެންމެން ދޫކޮށްލާފައިވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ "ވަގުތު" އަށް ކަށަވަރުކޮށްދީފައެވެ.

މުޒާހަރާގެ ތެރެއިން އެކަކަށް އަނިޔާ ވުމުގެ ސަބަބުން އޭނާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ހޭނެތިފައިކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

މި މުޒާހަރާ ފަަށައިފައިވަނީ ޕީޕީއެމްގެ އޮފީސް ދޮރުމަތިން މިއަދު ހަވީރު 4:00 ގައެވެ. މި މުޒާހަރާ މިރޭ 12:00 ޖަހަންދެން ކުރިޔަށް ދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެެވެ.

ރާއްޖޭގެ 130 ރަށެއްގައި މި މުޒާހަރާ ކުރިޔަށް ދާއިރު މާލޭގެ ފަސް ސަރަހައްދެއްގައި މިއަދު ހަވީރު އިދިކޮޅުން ވަނީ މުޒާހަރާކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާފައެވެ.

އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީ ހިމެނޭ ކައުންސިލުން "ސީދާ ހަރަކާތް" އަށް ނުކުތުމަށް ގަރާރެއް ފާސްކުރީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. އެއީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައިވަނިކޮށެވެ.