ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ހުރި ޝަކުވާތައް ހުށަހެޅުމުގެ ނިޒާމެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގާއިމްކޮށްފިއެވެ.

އީސީ އިން ނެރުނު އިއުލާނެއްގައި ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ގުޅޭ ޝަކުވާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައި ވާނެ ކަމަށެވެ. އަދި އެކޮމިޝަނުން އިންތިހާބު ބޭއްވުމުގެ މަސައްކަތްތައް ފަށައިފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން އިންތިހާބާއި ގުޅޭ ޝަކުވާއެއް ވާ ނަމަ އެކަން ހުށަހަޅަންވާނީ އެކަމަށް ކަނޑައަޅާފައިވާ "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" ގައި ކަމަށް އެ އިއުލާނުގައިވެއެވެ. އަދި ކޮވިޑް-19 ގެ މިހާލަތުގައި ފޯމް ބަލައިގަންނާނީ އީސީގެ ރަސްމީ އީމެއިލް އެޑްރެހަށް މެއިލް ކުރުމުން ކަމަށް ވެސް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

އީސީއިން ވަނީ ކުރިއަށް އޮތް އިންތިހާބާ ގުޅިގެން ހަދާފައިވާ ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކުރާ ނަމަ އެކަމެއް ލަސްނުކޮށް އެކޮމިޝަންގެ ސަމާލުކަމަށް ގެނައުމަށް އެދިިފައެވެ. އަދި އިންތިހާބާ ގުޅިގެން އެއްވެސް ޝަކުވާއެއް ނުވަތަ ކަންބޮޑުވުމެއް އޮތް ނަމަ އެކަންވެސް ލަސްނުކޮށް ހުށައެޅުމަށް އެދިފައިވެއެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ތާވަލުކުރި އިންތިހާބު ފަސްކުރަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އޭރު މުޅި ރާއްޖެ ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުންނެވެ.

އިންތިހާބު ފަސްކޮށްފައި ވަނީ ސަންސެޓް ގާނުނުގެ ގޮތުގައި މަޖިލީހުން ހާއްސަ ގާނޫނެއް ފާސްކޮށްގެންނެވެ. އެ ގާނޫނުގައި ބުނެފައިވަނީ ގާނޫނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ.

އިންތިހާބުގެ ވަގުތީ ގާނޫނުގައި އޮންނަ ގޮތުން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ. އެކަމަކު އެ ތާރީހަށް އިންތިހާބު ނުބޭއްވޭ ނަމަ 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އީސީއިން އަންގަން ޖެހޭނެ ކަމަށްވެސް އެ އިސްލާހުގައިވެއެވެ.

ވަގުތީ ގާނޫނަށް އިސްލާހުތަކެއް ގެނެެއުމަށްފަހު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާއިރު، ގޭގެއަށް ނުގޮސް އޮންލައިން ޕްލެޓްފޯމުތަކުގައި ކެމްޕޭން ކުރުމަށާއި، އެއްވުންތަކާއި ޖަލްސާތައް ނުބާއްވައި، ކެމްޕޭން ކުރުމަށް އިންތިހާބާ ބެހޭ ގައިޑްލައިންގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހިމަނާފައިވެއެވެ

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަނެއްކާ ތި ޝަކުވާ ހުށަހަޅާ ތަންވެސް އެންމެ ފަހު ވަގުތު ބަދަލުކޮށްލައްޗޭ ހަމަ ރިޔާސީ އިންތިޚާބު ގޮތަށް. އޭރުން ވަރަށް ބާރަށް ބުނެވޭނެ އަނެއްކާވެސް އެއްވެސް ޝަކުވާއެއް ނެތޭ މިފަހަރު ވެސް.