އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ މާދަމާގެ ތާވަލުގައިވާ ގޮތުން، ރައީސް ޔާމީންގެ މައްޗަށް ކުރާ މި ދެ ދައުވާގެ ޝަރީއަތް އޮތީ މެންދުރުފަހު 2:00 ގައެވެ.

ރައީސް ޔާމީންގެ މައްޗަށް މި ދެ ދައުވާ އުފުލާފައިވަނީ، ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައެވެ.

އެންމެ ފަހުން މި ދެ ދައުވާގެ ޝަރީއަތުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ރައީސް ޔާމީންގެ އާމްދަނީއާ ނުބައްދަލު ފައިސާއާއި މުދަލެއް ވާނަމަ. އެ ފައިސާއާއި މުލައެއް ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް އެދިފައެވެ. އަދި ރިޝްވަތުގެ ގޮތުގައި ރައީސް ޔާމީން ނެންގެވި ކަމަށް ތުހުމަތު ކުރާ 1.1 މިލިއަން ޑޮލަރު ވެސް ނެގުމުގެ އަމުރެއް ނެރެދިނުމަށް ވެސް ދައުލަތުން އެދުނެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމަށް ހައި ކޯޓުން ވެސް މިހާރު ވަނީ ތާއީދުކޮށްފައެވެ. އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް 28 ނޮވެމްބަރު 2018 ގައި އިއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. އެ ފައިސާއަކީ ގއ. މޮޑަވުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ވިދާޅުވެއެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ "ނުހައްގު" ހުކުމެއް ކަމާއި އެމަނިިކުފާނުގެ މައްޗަށް ހިންގަމުން ދަނީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީއާއި އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރެއެވެ. އެމަނިކުފާނު މިނިވަން ކުރަން ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން މިހާރު ގެންދަނީ އިހްތިޖާޖްކޮށް މަގުމަތީގައި މުޒާހަރާގެ ހަރަކާތްތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ނަޝީދު، ކަލެޔާވެސް މަރު އައިސް ބައްދަލު ކުރާނެ ކަން ހަނދާން ކުރައްޗޭ.

    24
    1
  2. ޔަގީން

    އެދުވަހު ކަންހިނގިގޮތް ހަނދާން ނެތުނީތޯ

    2
    2
  3. ރާއްޖެތެރެ

    އިންޑީޔާ މީހުން ޖަލަކައް ނުލެވޭ. އެމީހުންގެ ރަށައް ފޮނުވާލެވެނީ. ދިވެހިން ފަހުގެ ތާރީހެއްގަ އަޅުވެތި ވާނެ ވަރައް މިވަނީ. ދިވެހިންނެ ޤައުމާ ދޭތެރެ ވިސްނަވާ