ކޮވިޑް-19 އާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓް ކުރުން މެދުކަނޑާލައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އާންމުންގެ ރައްކާތެރިކަމަށާއި އަދި ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ ރައްކަލަކަށް ބަލި ފެތުރެމުންދާ ނިސްބަތަށް ބަލައި ތަފާތު ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު އިތުރުވަމުން ދިއުމާއި އެ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ކަރަންޓީންގައި ތިބެންޖެހުމާ ގުޅިގެން އޭޑީކޭ އިން ހުރިހާ އޯޕީޑީ ކޮންސަލްޓޭޝަންތައް އޮންލައިންކޮށް ހިދުމަތްދޭން މިހާރު ވަނީ ނިންމައިފައެވެ. އޭޑީކޭ އިން ވަނީ ބަލި މީހުން އެޑްމިޓް ކުރުން ހުއްޓާލުމުގެ އިތުރުން ބައެއް ސާޖަރީތައް ކުރުން ވެސް މިވަގުތަށް މަޑު ޖައްސާލައިފައެވެ.

އަދި މިހާރު އެޑްމިޓްކޮށްފައި ތިބި ބަލި މީހުން ކައިރި އަށް ޒިޔާރަތް ކުރުން ހުއްޓާލަން އޭޑީކޭ އިން ވަނީ އެދިފައެވެ.

އޭޑީކޭ އިން އެޅި ފިޔަވަޅުތައް:

  • ހުރިހާ އޯޕީޑީ ކޮލްސަލްޓޭޝަންތައް އޮންލައިންކޮށް ބަދަލު ކުރުން.
  • އިލެކްޓިވް ސާޖަރީތައް މިވަގުތަށް މެދުކަނޑާލުން
  • ބަލި މީހުން އެޑްމިޓް ކުރުން މިވަގުތަށް މެދުކަނޑާލުން.
  • އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތް ކުރުން ހުއްޓާލުން

މި ބަދަލުތަކާ އެކު ވެސް ހޮސްޕިޓަލްގެ އިމަޖެންސީ ހިދުމަތްތަކާއި އިމަޖެންސީގައި އެޑްމިޓްކޮށްގެން ދޭން ޖެހޭ ހިދުމަތްތަކާއި ޑައިގްނޯސްޓިކް ހިދުމަތްތައް ކުރިއަށް ދާނެ ކަމަށް ވެސް އޭޑީކޭ ހޮސްޕިޓަލްގެ ބަޔާނުގައިވެއެވެ.

"މި ހޮސްޕިޓަލްގެ އަމާޒަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ލިބުމެވެ. އެގޮތުން ކޮންމެހެން ވަޑައިގަންނަވަން ޖެހިއްޖެ ހާލަތެއްގައި އެކަނި ނުވަތަ އެހީތެރިއެއްގެ ގޮތުގައި އެކަކަށް ވުރެ ގިނަ މީހުން ނުގެންނެވުމަށް ދެންނެވީމެވެ،" އޭޑީކޭގެ ބަޔާނުގައިވެއެވެ.

އޭޑީކޭގެ ބަޔާނުގައި ވަނީ އެ ހޮސްޕިޓަލަށް ހިދުމަތް ހޯދަން އަންނަ ހާލަތްތަކުގައި ރަނގަޅަށް މާސްކް އެޅުމަށާއި ހޮސްޕިޓަލްގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމަށް އެދޭ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ހައި ޑިޕެންސީ ޔުނިޓް (އެޗްޑީޔޫ) ގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލި ތިން މީހަކު ދާދި ފަހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެހެންވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި ހުރިހާ ބަލި މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރިއެވެ.

ކޮވިޑް-19 އަށް ފައްސިވި ތިން މީހުންނާ ގާތުން ބައްދަލުވި މީހުން މިވަގުތު ތިބީ ކަރަންޓީންގައެވެ. އަދި އޭޑީކޭ ހޮސްޕިޓަލާ ގުޅިގެން މިކަންކަން މޮނިޓަ ކުރުމުގެ މަސައްކަތް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ދަނީ ކުރަމުންނެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 15،000 އަށް ވުރެ ގިނަ މީހުން ފައްސިވެ މި ބަލި ޖެހިގެން 51 މީހަކު ވަނީ ނިޔާވެފައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާ މީހުންގެ ވަނީ 140 އަށް ވުރެ މައްޗަށް އަރައިފައެވެ. މި ބަލި ޖެހިގެން 13،000 އަށް ވުރެ ގިނަ މީހުން ރަނގަޅުވި އިރު، ބައްޔަށް ފަރުވާ ހޯދަމުން ދަނީ 1،086 މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އައިޖީއެމްއެޗް، އޭޑީކޭގެ ސިއްހީ ނިޒާމުތައް ވަނީ ބޮއްސުންލާފަ.އެމްޑީޕީވަނީ ޔާމީނު ހެދި ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ނުހިފޭތަނަކައް ހަދާފަ،

  2. ޛަމީރު

    ޣިޔާސުންދީން ސުކޫލަށް އެންގި އެންގުން ހެލުތުން އަންގާ

  3. ާހައިރާން

    މިހުރިހާ މުހިންމު ތަންތަން ބަންދުކޮށް ގަވަިދުތައް ހަދަން ހަމަ އެންމެރަނގަޅު. ސްކޫލްތަކުގެ އެތެރެއަށް ކޮވިޑް ޖެހިފަ ހުރި މީހަކުވެސް ވަނުމާއެކު ބަލި ރަނގަޅު ވަނީތޯ؟؟؟

  4. ޢަސްލުލުތުފީ

    ބަލަ ކެނެރީގޭ ރާބޮނދި ނޫންބުނީ މީއެވަރު ކަމެއްނޫނޭ މިއާއެ ކު އުޅޭށޭ ކަރުތެރެތެންމާލާ ބިރަ ކާނުލާ މަޖާ ކުރާށޭ ދެން ކީއްވެޔޯ ތިހެން ގައުމު ހުއްޓާލަނީ ﷲ ގެއިރާދަޔަ ކާވެސްނުލާބުނި ރާއްޖެ ނުހުއްޓޭނޭ ދުނިޔެވެސް ނުހުއްޓުވޭނޭ ދެން ކީއްވެތަ އެއާޕޯޓާތަންތާ ތަޅުއެޅުވީ ވެރި ކަން ކުރަން އެނގޭނީ ހަމައިގަ ތިބޭ މީހުނައް އޭޑީ ކޭ މީހުން މި ކަމާ ބުނަނީ ކީކ ކޭ