އިދިކޮޅު ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުން އިއްޔެ ކުރި މުޒާހަރާ ކަވަރު ކުރުމުގައި އުޅުނު "ޗެނަލް 13" ގެ ބައެއް ނޫސްވެރިންނަށް ފުލުހުން އަނިޔާ ކުރި މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުން ކުށްވެރިކޮށް، އެ މުޒާހަރާއާ ގުޅިގެން އަޅަން ޖެހޭ ފިޔަަވަޅުތައް އަޅަން ގޮވާލައިފިއެވެ.

އެކަން ކުށްވެރިކޮށް އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ފަރާތުން ހުރަސްއަޅާފައިވާކަމަށާއި، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމުގެ ޝަކުވާ އެ ކައުންސިލަށް ނޫސްވެރިންނާއި މީޑިއާތަކުން ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން، ޗެނަލް 13 ގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މުޙައްމަދު ސަމާޙު، ޗެނަލް 13 ގެ ޑެޕިއުޓީ ސްޓޭޝަން މެނޭޖަރ (ބްރޯޑްކާސްޓިންގ) އަދި ޗެނަލް 13 ގެ ނިއުސް ހެޑް، މަރިޔަމް އިސާދާ އިސްމާއީލް އަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު އެ ކައުންސިލަށް ލިބިފައިވާ ކަމަށާއި، މި ކައުންސިލުން އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރާ ކަމަށް އެ ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.

މިޑިއާ ކައުންސިލުން ވިދާޅުވީ، ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލައި، ނޫސްވެރިކަމަށް މިނިވަން
މާހައުލެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުމަކީ މި ކައުންސިލުގެ ޤާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަަމަށެވެ.

އެހެންކަމުން އެ މުޒާހަރާގައި ކަންހިނގާފައިވާ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މީީޑިއާ ކައުންސިލުން ވަނީ ގޮވާލާފައެެވެ.