އަދާލަތު ޕާޓީގެ ވޯޓުލުން މިރޭ ނުވައެއް ޖަހަންދެހުމާއި ހަމައަށް އިތުރުކޮށްފި ކަމަށް އެޕާޓީއިން ބުނެފިއެވެ.

އޮންލައިންކޮށް މިއަދު ކުރިއަށްދާ މި އިންތިޚާބުގައި އަދާލަތުގެ ރައީސް ކަމަށް ވާދަކުރައްވަނީ ސަރުކާރު ކެބިނެޓުގައި ތިއްބެވި ދެ ވަޒީރެކެވެ. އެއީ މިދިޔަ ނުވަ އަހަރު ވަން ދެން އަދާލަތު ޕާޓީގެ ރައީސް ކަމުގައި ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ.

މި އިންތިހާބު ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ ނިންމާފައި ވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 ގެ ނިޔަލަށެވެ.

އެ ކަމަކު 5:00 ޖަހަން ކުޑަ ތަން ވެފައިވަނިކޮށް އަދާލަތު ޕާޓީއިން ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން ވޯޓް ލުމުގެ ވަގުތު ވަނީ މިރޭގެ 21:00 އާ ހަމައަށް އިތުރުކޮށްފައެވެ. އަދި އިންތިޚާބާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން އެދޭ ނަމަ ނުވަތަ ވޯޓް ލުމުގައި އެއްވެސް ދައްޗެއް ދިމާވާ ނަމަ މައި އިދާރާގެ ނަމްބަރަށް ލަސްނުކޮށް ގުޅުވުމަށް އެދިފައެވެ. މައި އިދާރާގެ ނަންބަރު 3342671 އެވެ.

އޮގަސްޓް 18، 2005 ގައި ރަޖިސްޓްރީ ކުރެވުނު އަދާލަތުގެ އެތެރޭގެ އިންތިޚާބު ކުރިއަށް ދާނީ ރާއްޖޭގެ ރިޔާސީ އިންތިޚާބު އޮންނަ އުސޫލަށެވެ. ޕާޓީގެ ނައިބު ރައީސަކަށް ކަނޑައަޅާނީ އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓްގެ ރަނިން މޭޓެވެ.