ކޮވިޑް-19 އާ ގުޅިގެން އަރާ ފޭބުން މަނާ ކޮށްފައިވާ މ. ކޮޅުފުށީގައި ދިރިއުޅޭ މީހުންގެ ތެރެއިން ހާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް ކެއާ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީ އިން ފަށައިފިއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅެމުން ދާ ފަރާތްތަކުގެ މަޢުލޫމާތު އެ މިނިސްޓްރީން އެއްކޮށް އެ ފަރާތްތަކަށް ގުޅައި ހާލު ބަލާފައިވާ ކަމަށެވެ.

އަދި ކެއާ ޕެކޭޭޖަސް ބޭނުންވާ ފަރާތްތަކަށް އެ ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މިވަގުތު ފޮނުވި ތަކެތީގެ ތެރޭގައި ކުޑަކުދިންގެ ނެޕީ، ސެނިޓައިޒަރ، ފޭސްމާސް، އަންގި، އަތްދޮންނަ ފުޅި ފަދަ ތަކެތި ހިމެނޭ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ކޮޅުފުށިން ކޮވިޑް-19 ވޭދަނަތަކެއް ފެނި އެރަށް މޮނީޓަރިން އަށް ލާފައި ވަނީ މިދިޔަ އާދިއްތަ ދުވަހެވެ.

އެރަށުގައި ކޮވިޑް-19ގެ ވޭދަނަތައް ފެންނަން ފަށާފައި ވަނީ އެރަށުން މާލެ ދިޔަ އަންހެނަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ. އެ އަންހެން މީހާ މާލެ ގޮސްފައި ވަނީ ޖެނުއަރީ 19 ވަނަ ދުވަހު އެވެ. އޭނާ ފައްސިކަން އެނގުމާއެކު އެރަށް ވަނީ މޮނީޓަރިންގއަށް ލާފައެވެ.

އޭގެ ފަހުން އޭނާ އާއި ގާތުން ބައްދަލުވި މީހުންގެ ސުންކު ނަގައި ހެދި ޓެސްޓްތަކުން އިތުރު ބަޔަކު ވެސް ވަނީ މި ބައްޔަށް ފައްސިވެފައެވެ. އެގޮތުން ބަލާއިރު މިހާތަނަށް އެރަށުން 25 މީހަކު މި ބައްޔަށް ފައްސިވެފައެވެ.