23:53

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާ ޕޯޗުގަލްގެ އައިސީޔޫތައް ފުރުމުން، އެ ގައުމުން ގައުމުތަކުގެ އެހީއަށް އެދިއްޖެ.

22:28

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން، ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އަދަދު 163 އަށް އަރައިފި.

22:27

ރާއްޖެއިން އިތުރު 105 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

20:56

އއ. މަތިިވެރިން ދެ ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

20:46

އއ. މަތިވެރިއަށް އަރާ ފޭބުން މަނާ ކޮށްފި.

20:43

ކޮވިޑް-19 ފެތުރުމުގެ އަސްލު ހޯދުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަހުގީގީ ޓީމެއް ވައިރަސް ފުރަތަމަ ފެތުރެން ފެށި ކަމަށް ބުނާ ޗައިނާގެ ވޫހާން ސިޓީއަށް ގޮސްފި.

20:23

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ.

20:02

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރަނގަޅަށް މެނޭޖް ކުރުމުގައި އެކި ގައުމުތަކުން ކުރަމުންދާ މަސައްކަތް ބަލައި، ތައްޔާރުކޮށްފައިވާ ލިސްޓުގެ 25 ވަނަ ރާއްޖެއަށް ލިބިއްޖެ.

19:09

ސްކޫލުތައް ހުޅުވާފައި ބެހެއްޓުމަކީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި އެއީ ކުދިން ބޭނުންވާ ގޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ.

18:32

މީގެ 11 އަހަރު ކުރިން ކޮމްބޯޑިއާގައި ދިރިއުޅެމުން އައި ވާލުތަކަކުން ކޮވިޑް-19 އާއި ވައްތަރު ބައްޔެއް ފެނިފައިވާ ކަމަށް ސައިންސްވެރިން ބުނެފި.

16:36

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް" އާއި މެދު ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފައެއްދުމާއި ދޮގު މައުލޫމާތުތައް ފެތުރުން ހުއްޓާލުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް އިލްތިމާސް ކުރައްވައިފި.

16:09

ކކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުން ކުރާ ވެކްސިން ޖެހި އިނޑިއާ ފަސް ޑޮކްޓަރަކު ބައްޔަށް ފައްސިވެއްޖެ.

15:49

ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ރާއްޖޭގައި މާދަމާ ވެކްސިން ދެވެން ފަށާނެ ކަމަށާއި، ދުއާއަކީ މި ނުރައްކާތެރި ބަލިމަޑުކަމުން އަވަހަށް ސަލާމަތްވެ، އުފާވެރި ދިރިއުޅުމަކަށް ރުޖޫއަވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ.

15:14

މިހާރު ފެެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވާ މީހުން އިތުރުވެ ހޮސްޕިޓަލުތަކުގެ އެނދުތައް ފުރެމުން އަންނާތީ ރައްކާތެރިވާން އިލްތިމާސްކޮށްފި.

12:19

އިންޑިއާ އިން ހަދިޔާ ކުރި ކޮވިޑް-19 ވެކްސިން ރާއްޖޭގެ ހަތް ހޮސްޕިޓަލެއްގައި މާދަމާ ދޭން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި.

10:39

މާލެ އާއި އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ގެ ވެކްސިން މާދަމާ ދޭން ފަށަން ނިންމައިފި

10:30

ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން އިތުރު 1،196 މީހުން މަރުވެއްޖެ.

10:29

ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 2،889 މީހުން މަރުވެއްޖެ.

10:17

މާބަނޑު ދުވަސްވަރު އަންހެނުންގެ ބަނޑުގައި އޮންނަ ދަރިފުޅު ކޮވިޑް-19 އިން ރައްކާތެރިކުރެވޭ ކަމަށް ދިރާސާއަކުން ދައްކައިފި.

00:06

މިވަގުތު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑު ކަމުން އަރައިގަންނަން އަދި ދެ އަހަރު ނަގާނެ ކަމަށް ކަމުގެ މާހިރުން ބުނެފި.

ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އަހަރަކަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު މި ބަލީގެ ނުރައްކާ އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިގޮތުން މީގެ ކުރީން ބަލި ކޮންޓްރޯލްކުރެވިފައިވާ ޤައުމުތަކުގެ ހާލަތުވެސް ކުރިޔަށްވުރެ ގޯސްވެ، ހާލަތު އަންނަނީ ހީނުކުރާފަދަ ބާރުމިނެއްގައި ބަދަލުވަމުންނެވެ.

ދުނިޔޭގެ 219 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު މިހާތަނަށް 102 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ކޮވިޑް-19 ގެ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން 2.2 މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު ބަލިން ރަނގަޅުވެފައިވަނީ 74 މިލިއަން މީހުންނެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް ދުނިޔެއިން ހަލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިވަގުތު އެންމެ ނުރައްކާ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާއާއި އިންޑިއާ އަދި ބްރެޒިލް ހިމެނޭއިރު މި ޤައުމުތަކުން އެކަނިވެސް މިހާތަނަށް 56 މިލިއަނަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައި ވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖޭގެ ހާލަތަށް ބަލާއިރު، ރަށްރަށުން ފެންނަ ވޭދަނަތަކުގެ އަދަދު އިތުރުވެ ނުރައްކާ އަންނަނީ ބޮޑުވަމުންނެވެ. އަދި ފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19 އަށް އަލަށް ފައްސިވާ މީހުންގެ އަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ފާއިތުވި ފަސް ދުވަހު ރާއްޖެއިން ފައްސިވާ އަދަދުތައް ކޮންމެ ދުވަހަކުވެސް އުޅެނީ 100 އިން މަތީގައެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި އާއި އައިސީޔޫގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދުތަކަށްވެސް ހިފެހެއްޓުމެއް ނާދެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް ރާއްޖެއިން 100 އަށްވުރެ ގިނަ މީހުންނަށް އަލަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 15736 އަށްއަރާފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގަ 152 އި މީހަކަށް ފަރުވާދެމުން އެބަދެއެވެ. އިއްޔެ މި އަދަދު ހުރީ 142 ގައެވެ. މިހާތަނަށް ރާއްޖެއިން މި ބަލީގައި 51 މީހަކު ނިޔާވެފައި ވެއެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 14096 މީހުންނެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެއިންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ރާއްޖެއަށް ވަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޑްގެ ވެކްސިން ގެނެސްފައެވެ. ރާއްޖެއަށް ގެނެސްފައިވަނީ އެޤައުމުން އުފައްދާ "ކޮވިޝީލްޑް"ގެ 100،000 ޑޯޒެވެ. އިންޑިއާ ވެކްސިންގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމަށް މިހާތަނަށް އެންމެ ކާމިޔާބު ވެކްސިން އުފައްދާ އެއް ކުންފުނި ކަމަށްވާ އަސްޓްރާޒެނެކާ އާއެކު ރާއްޖެއިން ވަނީ 7 ލައްކަ ޑޯޒްގެ ވެކްސިން ހޯދުމުގެ އެއްބަސްވުމެވެސް ވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.