އާންމު ތަނެއްގައި ހަޑި ހުތުރު ބަހުން މުހާތަބު ކުރެއްވި މައްސަލައެއްގައި އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތުގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް އަދުރޭ އެދިވަޑައިގަތުމުން އެ ފުރުސަތު ކޯޓުން ދީފިއެވެ.

އަދުރޭގެ މައްޗަށް މި ދައުވާ އުފުލީ، ނޮވެމްބަރު 28، 2019 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ދުވަހު އެ ކޯޓުގެ ބޭރުގައި ކުރަމުން ދިޔަ މުޒާހަރާގެ ތެރެއިން އަޑުގަދަ ކުރާ ބޭނުން ކުރައްވައިގެން ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ދަނިކޮށް ހަޑި ހުތުރު ބަހެއް ބޭނުން ކުރެއްވުމުންނެވެ.

މިއަދު ކުރިއަށް ދިޔަ ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އަދުރޭއަށް ކުރާ ދައުވާ އިއްވާފަައެވެ. އެކަމަކު އަދުރޭގެ ފަރާތުން ދައުވާއަށް ޖަވާބުދާރީއެއް ނުވެއެވެ. އޭނާގެ ގާނޫނީ ވަކީލު އަދި ދަނބިދަރިފުޅު އަހުމަދު ހިޝާމް ވަޖީހު ވިދާޅުވީ މައްސަލައިގެ ލިޔެކިއުންތައް ލިބުނީ މިއަދު ކަމަށާއި އެއަށް ޖަވާބުދާރީވާން ތައްޔާރުވާން އިތުރު ފުރުސަތެއް ބޭނުންވާ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ދެން ނިންމެވީ، މި ޝަރީއަތުގައި އަންނަ ހަފުތާ އަޑުއެހުމެއް ބޭއްވުމަށާއި އެ އަޑުއެހުމުގައި އަދުރޭއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށެވެ. މި ކަން އިއުލާން ކުރެއްވުމަށް ފަހު މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވިއެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައް ކުރުމަކީ ކުށެކެވެ. އެ ކުށް ދަރަޖަ ކޮށްފައި ވަނީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ.

މި ކުށުގެ އެންމެ ބޮޑު އަދަބަކީ ތިން މަސް ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާއިރު އަންނާނީ އެއްމަހާއި ހަ ދުވަހުގެ ޖަލު ޙުކުމެކެވެ. ޙުކުމުގެ މުއްދަތު ނުވަ ދުވަހަށް ކުރު ކުރުމުގެ އިހްތިޔާރު ވެސް މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަނާޒާ

    ސާބަސް އަދުރޭ ، ހިތަވަރު ގަދަކުރައްވާ .

  2. ޞަހީފާ

    ކޯޓުތައް އަތްދަށުލައިގެން ފަނޑިޔާރުން ބޮޑުރޯނުން ބަނދެގެންތިބެ ރަގަޅަށް މިތިބަ އިދިކޮޅު ފުނޑަނީ!! މީތޯ ޑިމޮކްރަސީއަކީ؟