ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު) އަވަހާރަވެއްޖެއެވެ.

ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ކަރަންކާ ރަޝީދު އަވަހާރަވެފައި ވަނީ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވުމަށް ފަހުއެވެ. އޭނާއަކީ ގައުމީ ހަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ގައުމީ ޝަހްސިއްޔަތެކެވެ.

މާޗް 21، 1928 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ކަރަންކާ ރަޝީދު ތައުލީމް ހާސިލް ކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އަދި ސްރީ ލަންކާގައި ހުންނަވައިގެން މައުލޫމާތު ހާސިލް ކުރެއްވިއެވެ. އޭނާއަކީ ޒުވާން ދުވަސްވަރު ހަރަކާތްތެރި، ނުފޫޒު ގަދަ ބޭފުޅެކެވެ.

ރަޝީދަކީ ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތަކެއް ސަރުކާރަށް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ދެކުނުގެ ތިން އަތޮޅު ސަރުކާރުން ވަކިވެ ވަކި ދައުލަތެއް ހެދުމުން މިކަން ހަމަޖެއްސުމަށް އޭރުގެ ވަޒީރުލް އައުޒަމް އިބްރާހިމް ނާސިރުގެ ލަފާފުޅުގެ މަތިން މަސައްކަތް ކުރެއްވިއެވެ. މި މައްސަލަ ހައްލު ކުރުމަށް އައްޑޫ އަތޮޅަށް ފޮނުވި ވަފުދުގައި ވެސް ކަރަންކާ ރަޝީދު ހިމެނިވަޑައިގެންނެވިއެވެ.

މި ވަފްދު އައްޑު އަށް ވަޑައިގެން އަބްދުﷲ އަފީފް އާ މަޝްވަރާ ކުރައްވައިގެން ވެސް ހައްލެއް ނުލިބުމުން އެނބުރި މާލެ އައީއެވެ.

ރަޝީދު، ސަރުކާރުގެ ހިމަތް ފަށްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގައެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދްމަތް ކުރެއްވިއެވެ. އަދި ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ރަޝީދު ވަނީ ފުރުއްވައިފައެވެ.

އެގޮތުން ވަޒީރުއް ދާހިލިއްޔާކަމާއި ކެބިނެޓް ސެކްރެޓަރީ ކަމާއި ޑެޕިއުޓީ ބޮޑުވަޒީރު ކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރު ކަން ކުރެއްވިއެވެ. އޭނާ ފުރަތަމަ އަދާކުރެއްވީ، ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބު ކަމެވެ. އޭނާ ވަނީ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާތިބެއްގެ ގޮތުން ހިދުމަތް ކުރައްވައި ގައުމީ ހިދްމަތުގައި އެކި މަރުހަލާތައް ވަނީ ކަޑައްތު ކުރައްވައިފައެވެ. އެމަނިކުފާނަކީ، ރައްޔިތުންގެ މަޖިލީހުގެ ޒައީމްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އިބްރާހީމް ރަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ.

ގައުމީ ހިދުމަތްތަކަށް ބަލާއިރު، އިނގިރޭސީންގެ ހިމާޔަތުގެ ދަށުން، ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ކުރެވުނު މަސައްކަތުގައި ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ އަރިހުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ، އިބްރާހީމް ރަޝީދެވެ. އަދި 1962 ވަނަ އަހަރު ވޯރާ ވިޔަފާރިވެރިންގެ އިގްތިސާދީ އަޅުވެތިކަމުން، ރާއްޖެއަށް އިގްތިސާދީ މިނިވަންކަން ހޯއްދަވައިދެއްވުމަށް އިބްރާހީމް ނާސިރު ކުރެއްވި ގައުމީ މަސައްކަތް ޕުޅުތަކާއި ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ތައުލީމުދޭން ފެށުމާއި ގަވަންމަންޓް ހޮސްޕިޓަލް ހުޅުވުމާއި އަތޮޅުތަކުގައި ސިއްހީ މަރުކަޒު ހުޅުވުމާއި އެއާޕޯޓް ބިނާކުރުމާއި ދަތުރުފަތުރާއި މުވާސަލާތުގެ ރޮނގުތަކުން އެދުވަސްވަރު ގައުމަށް އައި ހުރިހާ ތަރައްގީއަކާއި ކުރިއެރުމެއްގައި އަމަލީގޮތުން އެންމެ މުހިންމު ދައުރެއް އަދާ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަންސޫރު އަހުމަދު

    އިންނާ ލިއްﷲ ވައިންނާ އިލަހި ރާޖިއޫން. ސުވަރުގޭގެ ދާއިމީ ނިޢުމަތަށް އެދެމެވެ. އާމީން.! މިއީ އަހަރެމެން އެންމެންވެސް އަބަދުމެ ހިތުގައި އޮންނަންޖެހޭ ޙަގީގަތެކެވެ. މަރު ތިމާއާއި އަރާހަމަ ކުރާނެއެވެ. ޔަގީނެއެވެ. މީހުނާ ފޮށެ ދެބައުޑުވާ މީހުންގެ އައިބު ބުނެ ދުނިޔެމަތީ ނުލަފާކަން ދައްކަން ނޫޅެމާތޯއެވެ. މާދަމާ ތިބާ ނުވަތަ މިއަޅާގެ މިޚަބަރު އަތުވެދާނެއެވެ. އަޅަމެން އެންމެނަށް ހެޔޮ ބުއްދި ދެއްވައި ހެޔޮ ޢަމަލު ކުރުމުގެ ތައުފީގު ދެއްވާށިއެވެ.
    އާމީން!

    18
  2. ހިޔާލު

    ,انا لله وانا إليه راجعون
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین

    15
  3. Anonymous

    ވަގުތުންް ގެނަސްދެއްވި ފުރިހަމަ ރިޕޯޓެއް. އަމިކުފާނުންގެ އާއިލާއަށް ތައުޒިޔާފޮނުވަން. ފުރާނައަށް މާތްﷲގެ ހެޔޮރަހްމަތް ލައްވާދޭވެ.

    11
  4. ސަނާ

    إنّالله وإنّا إليه راجعون މަރުޙޫ މަަށް ސުވަރުގޭގެ ދާއި މީ ނިޢު މަތް ކުރައްވާށި . އާ މީން.

    13