ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން، ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އަދަދު 163 އަށް އަރައިފި އެވެ.

އިއްޔެ ކޮވިޑް-19 ބަލީގެ މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ގޮސްފައި ވަނީ 152 މީހަކަށެވެ.އެހެން ނަމަވެސް މިއަދު އެ އަދަދު ވަނީ އިތުރުވެފައެވެ،

ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ކަމާއި ގުޅުން ހުރި އިދާރާތަކުން ގެންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުތައް އިތުރުވަމުން އަންނާތީ، ރައްކާތެރިވެ ތިބުމަށް ނަސޭހަތްތެރިވަމުންނެވެ.

އެގޮތުން އެޗްޕީއޭއިން ވިދާޅުވީ، ކޮވިޑް-19 އަށް ފައްސިވާ މީހުން އިތުރުވެ ހޮސްޕިޓަލުތަކުގެ އެނދުތައް ފުރެމުންދާ ކަމަށެވެ. އަދި މިކަމުގެ ނޭދެވޭ އަސަރު ކޮވިިޑް-19 ނޫން އެހެެން ބަލިތަކަށްވެސް ކުރާނެ ކަމަށާއި، ރައްކާތެރިިވެ ތިބުމަށް އެދޭ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ރާއްޖެއިން މިއަދު ކޮވިޑް-19 ބަލީގައި މީހަކު ނިޔާވެެސް ވެފައި ވެއެވެ. މިއަދު އެ ބަލީގައި ނިޔާވެފައި ވަނީ އުމުރުން 88 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް ފަރުވާދެމުން ގޮސްފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ.