ފ. ފީއަލީގެ ޖަމިއްޔާއެއް ކަމަށްވާ ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން (ފެޒްގ)ގެ ފަރާތުން ރޯދަމަހަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ދީނީ މުބާރަތްތަކުގެ ތެރެއިން ޤުރުޢާން މުބާރާތާއި މަދަޙަ މުބާރާތް ފަށައިފިއެވެ.

ޤުރުޢާން މުބާރާތް އިއްޔެ ފެށިފައިވާއިރު އެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބަލައިގެން ކިޔުމުގެ ގޮތްޕާއި ހިތުން ކިޔުމުގެ ގޮތްޕަށް ބަހާލައިގެންނެވެ. އެ މުބާރާތުގައި ޖުމްލަ 70 ބައިވެރިން ބައިވެރިވެފައިވެއެވެ. ހަތަރު އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތަކީ ރަށުގެ ކުދިބޮޑު އެންމެންނަށް ބައިވެރިވެވޭނެ ގޮތަށް ބާއްވާ މުބާރާތެކެވެ. އެގޮތުން މުބާރާތުގައި ބައިވެރިވެފައިވަނީ ހަތަރު އަހަރުން ދަށް، ހަ އަހަރުން ދަށް، 19 އަހަރުން ދަށް އަދި 21 އަހަރުން މަތީގެ އުމުރުފުރާތެކެވެ.

މަދަހަ މުބާރާތް މިއަދު ފަށާފައިވާއިރު އެ މުބާރާތްވެސް ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ގްރޫޕް މަދަހަ އާއި އިންޑިވިޖުއަލް މަދަހައެވެ. މަދަހަ މުބާރާތުގައި ދެބައިން ޖުމްލަ 87 ބައިވެރިޔަކު ބައިވެރިވެފައިވެއެވެ.

މަދަހައާއި ޤުރުޢާން މުބާރާތް މިހާރު ފަށާފައިވާއިރު އެހެން އަހަރުތަކާއި އެއްފަދައިން މި އަހަރުވެސް، ދީނީ ސުވާލު މުބާރާތް ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށްދާ ކަމަށް ފެޒްގުން ބުނެއެވެ.

ފެޒްގުގެ ފަރާތުން ބާއްވާ މި މުބާރާތްތަކަކީ ފީއަލި ރައްޔިތުންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުމަށް ބާއްވަމުން އަންނަ މުބާރާތްތަކެކެވެ.

ފެޒްގުގެ ދީނީ ސުވާލު މުބާރާތް މިހާރު ފެށިގެން ކުރިއަށްދާއިރު، ކޮންމެ ދުވަހަކުވެސް ދެ ސުވާލެއް އާންމުކޮށް ހުޅުވާލައެވެ. އަދި އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖާއި ރަށު ތެރޭގެ ނޯޓިސް ބޯޑު ތަކުގައިވެސް އާންމުކޮށް ފެންނާނެހެން މި ސުވާލުތައް ބެހެއްޓިފައިވާނޭ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ސުވާލުތަކުގެ ޖަވާބުތައް ރޯދަމަހުގެ 25 ވަނަ ދުވަހުގެ ރޭ 22:00 ގެ ކުރިން ފެޒްގުގެ އިދާރާއަށް ހުށައަޅަން ޖެހެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފެޒްގުގެ މީޑިއާ އޮފިޝަލް މުހައްމަދު ފަޒީން ވިދާޅުވެފައިވަނީ މިފަދަ މުބާރާތްތަކަށް ކޮންމެ އަހަރުކުވެސް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ.

"ފެޒްގުން މަސައްކަތްކުރަމުން ދަނީ އަބަދުވެސް އެއް އަހަރުން އަނެއް އަހަރަށް މުބާރާތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް. ދެން މި އަހަރުގެ މި މުބާރާތްތަކުގެ އިނާމް ދިނުން އޮންނާނީ ރޯދަމަހުގެ 27 ވަނަ ދުވަހު،" ފަޒީން ވިދާޅުވިއެވެ.

މިއީ ފެޒްގުގެ ފަރާތުން މިފަދަ ދީނީ މުބާރާތްތައް ބާއްވާ 13 ވަނަ އަހަރުކަން ފާހަގަކޮށްލެވެއެވެ.