ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖެ އަށް އިތުރު ވެކްސިން ގެނެސް، އުންމީދަކީ ދުވާލެއްގެ މައްޗަށް 10،000 މީހުންނަށް ވެކްސިން ދެވޭ ވަރުވުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވީ އުންމީދަކީ މިހާރަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީ ވީހާވެސް އަވަހަށް ރާއްޖޭގެ ހުރިހާ އެންމެންނަށް ވެކްސިން ޖެހޭނެ މަގުފަހިވުން ކަމަށެވެ.

އަދި ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ވެސް ވެކްސިން ޖަހާ އިރު ވެކްސިން ޖެހުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތަކަށް ހަދަން ޖެހޭ ކަމަށާއި ވެކްސިނަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މިވަގުތު އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ މިހާރު ވެކްސިން ޖެހެނީ ވަރަށް މަދު ބައެއްގެ ގަަޔަށް ކަމަށާއި ވެކްސިން ޖަހަން ފަރިތަވެ ހޭނުމުން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެކްސިން ޖެހުމުގެ މަސައްކަތް މިހާރަށް ވުރެ ބާރަށް ކުރިއަށް ދާނެ ކަމަށެވެ.

" އިރާދަކުރެއްވިއްޔާ ހުރިޙާ ރައްޔިތުން ގަޔަށް ވެކްސިން ޖަހާނެ. ދިވެހިން އެކަންޏެއް ނޫން. ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ގަޔަށް ވެސް ޖަހާނެ. ރާއްޖެ ވާނެ ކަން ނޭނގެ ބިދޭސީންނަށް މިގޮތަށް ވެކްސިން ދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި." ނަސީމް ވިދާޅުވިއެވެ.

ވެކްސިން ދިނުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގޮސްފި ނަމަ ކޮވިޑް-19 ގެ ހާލަތުން އަރައިގަންނަން ފަސޭހަވާނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް މަދު ނުވާ ވަރަށް ވެކްސިން ގެންނާނެ ކަމަށެވެ.

ރާއްޖޭގައި ދިނުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް"އެވެ. މި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ދީފައެވެ. އިންޑިއާ އިން ރާއްޖެ އަށް ވެކްސިންގެ 100،000 ޑޯޒް ދީފައިވާ އިރު، މި ވެކްސިން އަދި ޖެހޭނީ 50،000 މީހުންގެ ގަޔަށެވެ. އެއީ ކޮންމެ މީހެއްގެ ގަޔަށް ދެ ޑޯޒް ޖަހަން ޖެހޭތީއެވެ.

ކޮވިޝީލްޑް ވެކްސިންއަކީ އޮކްސްފޯޑުގެ އެސްޓްރާޒެންކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިންއެއް ކަަމަށް ވާއިރު އިންޑިއާގެ ސީރަމްއަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 15،841 އަށް އަރާފައެވެ. މީގެ ތެރެއިން 14،139 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް 52 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙހhhސ

    އަހަރެން ބޭނުން މިތިބަ ބޮޑުންގަޔަށް ޖެހީ އިންޑިޔާ ވެކްސިން ތޯ ކަށަވަރު ކުރަން. ޢެމީހުން ރައްޔިތުން ހައްދާފަ. ޑާބްލިއު އެޗް އޯ އިން އެޕްރޫވް ވެކްސިން އެމީހުންގަޔަށް ޖަހަފަ މަންޒަރު ދައްކަނީ ރައްޔިތުންނަށް އެހެނ ގޮތަކަށް. މަށެއް ހަމަގައިމު ކަށަވަރު ނޫން ވެކްސިނެއް ނުޖަހާނަން.

  2. ދޫނި

    ކޮވިޝީލްޑް އަކީ 65 އަހަރުން މަތީގެ މީހުން ޖަހަން އޮންނަ އެއޗެއްނޫން! ދެން ކޮންއެއްޗެއް މިނިސްޓަރު ނިޖެހީ!

  3. ގާޒީ

    ކީއްވެބާ ވެކްސިން ޖަހަން ތިބޭމީހުން އަތަށް އަންގި ނުލާތިބެނީ؟!