ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ކޮވިޝީލްޑް ވެކްސިން 282 މީހަކަށް މިއަދު ދީފިއެވެ.

މިއަދު ރާއްޖޭގައި ވެކްސިން ދިނުމަށް ހާއްސަ ޕްރޮގްރާމް ފެށިއިރު، އެންމެ ފުރަތަމަ ރާއްޖެއިން ވެކްސިން ދީފައި ވަނީ އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރު ޑރ. ޝިރާނީ އަބްދުއްރަހީމެވެ. ޝިރާނީއަކީ އެންމެ ގިނަ ދުވަހު ހުޅުމާލެ ކޮވިޑް ފެސިލިޓީއާ ހަވާލުވެ ހުންނެވި ބޭފުޅާއެވެ.

ދެ ވަނަ އަށް ރާއްޖޭގައި ވެކްސިން ޖެހީ ހުޅުމާލެ ހޮސްޕިޓަލާއި ހުޅުމާލެ ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރާ ނަރުހެއް ކަމަށްވާ ކާރްތިކެންއެވެ. ތިން ވަނަ އަށް ވެކްސިން ޖެހީ ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ އިބްރާހިމް ނަސީރެވެ.

އޭގެ ފަހުން ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ހިމެނިވަޑައިގަންނަވައެވެ.

މި ބޭފުޅުން ވެކްސިން ޖައްސަަވާފައި ވަނީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި އޮތް ރަސްމިއްޔަތެއްގައެވެ. ރަސްމިއްޔާތުގައި އެންމެ ފަހުން ވެކްސިން ޖެހީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ބައެއް މީހުންގެ ގަޔަށެވެ. އޭގެ ތެރޭގައި ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައިވެސް މިއަދު ވެކްސިން ދީފައި ވެއެވެ.

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ވިދާޅުވީ، މިއަދު 282 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ހާއްސަ ހަ ތަނެއް ކަނޑައަޅާފައި ވެއެވެ.

ރާއްޖޭގައި ދިނުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް"އެވެ. މި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފްލޯކް

    ވީޑިއޯއިން ފެންނަ ފޮތުން ތި ޖެހި ވެސިން ރައްކާކޮށްފަހުރި ކޮންޓެއިނާ ބޭރުގަ ރަސްގެ އަޅާ، ވަކިން ފާހަގަކޮއްފައިވާކަން ފާހަގަކުރެވުނު