ކ. މާފުށީގައި ހުންނަ ޖަލުގައި އިތުރު 50 ގޮޅި އިމާރާތް ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މާފުށީ ޖަލުގައި އިމާރާތްކުރި 50 ގޮޅީގެ މަސައްކަތް ނިންމުމަށް ފަހު އެ ގޮޅިތައް ހިންގުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް މިއަދު ހާވަލުކޮށްފައިވެއެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ގޮޅިތައް ހިންގުމުގެ އެއްބަސްވުން ކަރެކްޝަންސްއަށް ހަވާލުކޮށްދޭން ސޮއިކުރެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސައެވެ. ކަރެކްޝަންސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ.

މާފުށީ ޖަލުގައި އިތުރު 50 ގޮޅި އިމާރާތްކޮށް ކަރެކްޝަންސްއާ ހަވާލުކޮށްފައިވާއިރު، ޖަލުތަކުގެ ޖާގައަށް ވުރެ ގައިދީންނާއި ބަންދު މީހުން އިތުރުވުމުގެ ސަބަބުން ދިމާވާ ދަތިތަކުގެ ކަންބޮޑުވުންތައް ފާޅުކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ.

މާފުށީ ޖަލުގައި ގޮޅި އިތުރު ކުރުމުގެ މަސައްކަތެއް ފެށީ ވެސް މި މައްސަލައަށް ހައްލެއް ގެނައުމަށެވެ. މީގެ އިތުރުން ހދ. މަކުނުދޫގައި ޖަލެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ކުރުމަށް ނިންމާފައިވެއެވެ.

ހީމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި މިހާރު ހުރި ޖަލުތަކުގެ ޖާގައަކީ ގާތްގަނޑަކަށް 1،200 މީހުން ކަމަށާއި އެކަމަކު 1،800 އަށް ވުރެ ގިނަ މީހުން ޖަލުތަކުގައި ބަންދުގައި ތިބެއެވެ.

މީގެ އިތުރަށް ހަރުކަށި ފިކުރުގެ މީހުނާއި ބޮޑެތި ކުށްތަކުގައި ހުކުމް ކުރެވޭ މީހުން ބައިތިއްބަން ޚާއްސަ ޔުނިޓެއް ގާއިމް ކުރުމަށް ވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު އިމްރާން މީގެ ކުރިން ވިދާޅުވެފައިވެއެވެ. ބެލެވޭ ގޮތުގައި އިތުރު ކުރެވުނު ގޮޅިތަކުގައި މި ކަމަށް އިސްކަމެއް ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޮފިސަރ

    ތިތަނަކީ ހަރުކަށި ފިކުރުގެ މީހުން ބައިތިއްބަން ހެދި ޔުނިޓް، ތި ޖަލުގެ ޖާގަ އިތުރުވީކީ ނޫން.. އަދި ތިތާ ޓިއުޓީ ކުރާނެ އޮފިސަރެއް ނަގާކަން ފިނޭޝްއިން ހުއްދައެއް ނުދިން. ސީޕީ އުޅެނީ ހުރިހާކަމެން އޮޅުވާލާގެން ނޭނގޭ ކަމަށް ހެދިގެން ހުރެ ކަންކަން ކުރަން.. ތި ސީޕީ އަކީ ވޭތިވެ ދިޔަ 20 އަހަރު ތެރޭ އެމް.ސީ.އެސް. ދެކުނު އެންމެ ހުދުމުމުޙްތާރުކޮށް ކަންކަން ކުރާ ސީޕީ .. މި ބަލާވެރިކަމުން އަޅަމެން ސަލާމަތް ކުރަންވާދޭ!

  2. އަފީ

    ތިޔަ 50 ގޮޅިއަށް ލާންޖެހޭ މީހުން 2023 ގައި ލިސްޓް ކުރާނަން

  3. ވަތަނަބޭ

    ނަސީދު އިމްރާނުުުް ގާސިމު މައުމޫނު