ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހެއްގެ ގައިން މިހާރު ފަސް މީހުންނަށް ބަލި ޖެހޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ހާމަ ކޮށްފިއެވެ.

އެ ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ.ޝީނާ މޫސާ ވިދާޅުވީ، މިވަގުތު ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އިންސައްތަ އިތުރުވަމުން އަންނަ ކަމަށެވެ.

އެގޮތަށް ދިމާވާން ފެށީ، ޑިސެމްބަރު މަހުގެ ތެރޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމުން ކަމަށާއި އޭގެ އިތުރުން މިވަގުތު ކޮވިޑް-19ގެ އިތުރު ވޭރިއެންޓެއް އުޅޭތީ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ އިތުރު ވޭރިއެންޓެއް އުޅޭކަން އެނގިފައިވަނީ ބަލި އިތުރުވާން ފަށާފައިވާތީ، އެޗްއީއޯސީން ކުރި ސާވޭއެއްގައެވެ. މި ސާވޭއިން އެނގިގެން ގޮސްފައިވަނީ މިހާރު ފެންނަ ވޭދަނަތަކުގެ 30 އިންސައްތަ އަކީ އާ ވޭރިއެންޓްގެ ސަބަބުން ފައްސިވާ މީހުން ކަމަށެވެ.

ޑރ. ޝީނާ ވިދާޅުވީ، މީގެ ކުރިން އާރު ވެލިއު އުޅެނީ ދަށްކޮށް ކަމަށާއި އެހެން ނަމަވެސް މިހާރު އާރު ވެލިއު މީގެ ކުރިއާއި ބަލާއިރު، 4.4 ބާރުމިނުގައި ފެތުރޭ ކަމަށެވެ. އެގޮތުން ބަލާއިރު މިހާރު އެކަކުގެ ފަރާތުން 5 މީހަކަށް ބަލި ޖެހޭކަން ޝީނާ ފާހަގަ ކުރެއްވިއެވެ.

"ކުރީގެ އާރު ވެލިއު ދޭއް ގައި ހުންނައިރު، ގާތްގަނޑަކަށް ކޮންމެ މީހަކަށް ދެ މީހަކަށް މި ޖައްސަނީ. އެކަމަކު މިހާރު ވޭރިއަންޓް އާއި އެއްކޮށް އޭތި އެބަދޭ ކޮންމެ މީހަކު ފަސް މީހުންނަށް ޖައްސާނެ ކަމަށް" ޑރ.ޝީނާ ވިދާޅުވިއެވެ.

ޑރ. ޝިނާ ވިދާޅުވީ، މިހާރު ކޮވިޑް-19 ފެތުރޭ މިންވަރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުން ކަމަށާއި، އޭގެ ތެރެއިން 55 އިންސައްތަ މީހުންނަކީ އަލާމަތްތައް ފެންނަ މީހުން ކަމަށެވެ. އަދި މީގެ ކުރިން މި ބަލީގެ އަލާމާތްތައް ފެންނަ މިންވަރަކީ ބަލި ޖެހޭ މީހުންގެ 45 އިންސައްތަ ކަމަށްވެސް ޝީނާ ވިދާޅުވިއެވެ.

އެހެން ކަމުން ކުރިން އަލާމާތްތައް ފެންނަ އަދަދާއި އަޅާބަލާއިރު، 10 އިންސައްތަ މިހާރު ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން މިހާރަކަށް އައިސް މި ބަލި ޖެހިގެން އެނދުމަތި ކުރަން ޖެހޭ މީހުންގެ އިންސައްތަވެސް އިތުރު ކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

    ޝުކުރިއްޔާ ރައީސް.. ވަރަށްބޮޑު އެޗީވްމަންޓެއް ތިވެސް.. ރެކޯޑް ހަދަން ޖެހޭނެ ކޮވިޑުންވެސް

    1
    1