ކޮވިޑް-19 އިން ރައްކާތެރިވުމަށް، މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 70 އަހަރުން މަތީގެ މީހުންނަށް މާދަމާ ވެކްސިން ޖަހަން ފަށަން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި ވަނީ ވެކްސިން ޖަހަން my.health.mv ގައި ވީހާ ވެސް އަވަހަކަށް ރަޖިސްޓަރީވާން އެދިފައެވެ. އެ ޕޯޓަލްގައި ރަޖިސްޓަރީވާން އެހީތެރިކަން ބޭނުން ނަމަ 1676 އަށް ގުޅުމަށް އެދިފައިވެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، މި އުމުރު ފުރާގެ މީހުން ވެކްސިން ޖަހަން ދިއުމަށް ތަނާއި ގަޑި ކަނޑައަޅައި އެފަރާތްތަކަށް އަންގަމުންދާނެ ކަމަށެވެ.

ވެކްސިން ޖަހަން ދާއިރު، އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދަން ޖެހޭނެއެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ނެތް އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުމާއި ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުމާއި ވެކްސިން ޖަހާ މީހާއާ އެކީގައި އެކަކަށް ވުރެ ގިނަ މީހުން ނުދާން އެޗްޕީއޭއިން ވަނި އެދިފައެވެ.

މީގެ އިތުރުން ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖެހޭނެ ކަހަލަ ހެދުމެއް ލައިގެން އައުމާއި ރަނގަޅަށް ކައިގެން އައުމަށް ވަނީ އެދިފައެވެ.

މާލެ ސަރަހައްދުގައި މި ވަގުތު ވެކްސިން ދެމުންގެންދާ ތަންތަނަކީ ސޯޝަލް ސެންޓަރ، އޭ.ޑީ.ކޭ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، ސެނެހިޔާ ހޮސްޕިޓަލުންނެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ޖަހަން ފަށާފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. ފުރަތަމަ ދުވަހު، މާލޭގެ ހަ މަރުކަޒަކާއި ހދ. ކުޅުދުއްފުށީ އަދި އައްޑު އިން ޖުމުލަ 282 މީހުން ވެކްސިން ޖަހާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަނާޒާ

    65 އަހަރުން ފެށިގެން މައްޗަށް ރިސްކޭ އަޑުއެހިން . ކިހިނެއް މިވަނީ. މިކަން ސާފުކޮށްލަދީބަލަ

  2. މުނާ

    ޥެކްސިން ޖެހުމަށްފަހު ވެކްސިން ޖެހިކަމުގެ އެއްވެސް ލިޔުމެއްދޭނެތަ؟ މިހެން މިދެންނެވީ ރާއްޖެއިން ބޭރަށްދާންޖެހިއްޖެ ހާލަތެއްގައި މިލިޔުން އޮތުން މުހިއްމުވާނެތީ.