އަދާލަތު ޕާޓީގެ އެތެރޭގެ ތިންވަނަ ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް އެދި އެ ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ވަނީ މިދިޔަ މަހު ބޭއްވި އަދާލަތު ޕާޓީގެ އެތެރޭގެ ރިޔާސީ އިންތިހާބު ބާތިލްކޮށް އިލްމުވެރިންގެ މަޖިލީހުގެ ބެލުމުގެ ދަށުން އާ އިންތިހާބެއް ބާއްވައި ދިނުމަށެވެ. އަދި އެ ޕާޓީގެ ކޮންގްރެސްއެއް ވަކި މުއްދަތެއްގައި ބާއްވައި ދިނުމަށް އަމުރު ކޮށްދިނުމަށެވެ.

އަދާލަތު ޕާޓީގެ އެތެރޭގެ ރިޔާސީ އިންތިޚާބެއް ބާއްވާފައި މިވަނީ، އެ ޕާޓީގެ އާންމު މެންބަރުންތަކެއްގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް ޕާޓީގެ ލީޑާޝިޕްއާ މެދުގައި އޮއްވައެވެ. އަދި ޕާޓީގެ އާންމު މެންބަރުންގެ ފަރާތުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މައްސަލައެއް ވެސް ހުށަހަޅާފައިވަނިކޮށެވެ.

އީސީއަށް ހުށަހެޅި މައްސަލާގައި އޮތީ އިންތިޚާބެއް ނެތި ޕާޓީގެ ރައީސް ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ނައިބު ރައީސް ކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްސް އަލީ ޒާހިރު ހުންނެވި މައްސަލައެވެ. އެކަމަކު އެ ގޮތަށް މަގާމުގައި ތިއްބެވީ ޕާޓީގެ ދުސްތޫރުގެ ތެރެއިން ކަމުގައި އީސީއިން ވަނީ ކަނޑައަޅައިފައެވެ.

މީގެ އިތުރުން އަދާލަތު ޕާޓީގެ އެތެރޭގެ އެ އިންތިޚާބުގައި ވޯޓް ދީފައިވަނީ ވެސް ވަރަށް މަދު މީހުންނެވެ. އޮންލައިންކޮށް ގޭގައި ތިބެގެން ވެސް ވޯޓް ދެވޭ ގޮތަށް ކުރިއަށް ދިޔަ އެ އިންތިޚާބުގައި ވޯޓް ލުމުގެ ހައްގު 4،055 މީހުނަށް އޮތްއިރު، ވޯޓް ދީފައިވަނީ 1،088 މީހުނެވެ.

މި އިންތިޚާބުގައި ވޯޓް ލީ 1،033 މީހުންގެ ތެރެއިން 921 ވޯޓް ލިބިވަޑައިގެން އިންތިޚާބު ކާމިޔާބު ކުރެއްވީ އިމްރާނެވެ. އެހެންކަމުން ޕާޓީގެ ރައީސަކަށް އިމްރާން އިތުރު ދައުރަކަށް އިންތިޚާބުވިއިރު، ނައިބު ރައީސަކަށް ކަނޑައެޅުނީ އިމްރާންގެ ރަނިން މޭޓް އަހްމަދު ޝަރީފް، ގ. އަލިޝާއެވެ.

މި އިންތިޚާބުގައި އިމްރާންއާ ވާދަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އޭނާއަށް ލިބިވަޑައިގަތީ އެންމެ 197 ވޯޓެވެ.

އޮގަސްޓް 18، 2005 ގައި ރަޖިސްޓްރީ ކުރެވުނު އަދާލަތުގެ އެތެރޭގެ އިންތިޚާބު ކުރިއަށް ދާނީ ރާއްޖޭގެ ރިޔާސީ އިންތިޚާބު އޮންނަ އުސޫލަށެވެ. ޕާޓީގެ ނައިބު ރައީސަކަށް ކަނޑައަޅާނީ އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓްގެ ރަނިން މޭޓެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޫއޫދު

    ޢެއްމެހާހެއްހާ މީހުންގެވޯޓްއިން ރައީސްކަން ތިީސައިޕާޓީއަކައްވުރެވެސް މަދުއަދަދެއް ވަޒީރުކަމައްވުރެ ރަނގަޅުވާނީ ކުންފުނިއެއްގެ ސަރުދާރުކަން ސިޔާސީ މަގާމު ދޭންވާނީ 10 ހާސްމީހުންގެ ވޯޓްލިބޭވަރުގެ މީހުން ސިޔާސީގޮތުން ފާޓީތެރެއިންދޭ ސިޔާސީ މަގާމެއްނަމަ

  2. ޖަނާޒާ

    ހައްހައްހައް ހަހާ ހަހާ ހުއްހުއް.

  3. އިމްރާން

    ތިޕާޓީގެ ސައިޒް ތިފެނުނީ