"ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާ" (ޓީ.އޭ.ސީ) މުއާހަދާގައި ރާއްޖޭން ބައިވެރިވުމާ ގުޅޭ ގޮތުން ސަރުކާރުގެ ކެބިނެޓްގައި ރަައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ވަޒީރުން މަޝްވަރާ ކުރައްވައި، އޭގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުގެ ލަފައަށް ފޮނުވަން ރައީސް ސޯލިހް ނިންމަވައިފިއެވެ.

ރައީސް ސޯލިހް މި ގޮތަށް ނިންމެވީ، އިއްޔެ އޮންލައިންކޮށް ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުުގައި އެ މުއާހަދާގައި ބައިވެރިވާން ކަރުދާހެއް ހުށަހެޅުއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ޓީއޭސީއަކީ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގައި ހިމެނޭ މެންބަރު ގައުމުތަކުގެ މެދުގައި 1976 ވަނަ އަހަރު ސޮއިކުރި މުއާހަދާއެވެ.

މި މުއާހަދާ އެކުލަވައިލާފައި ވަނީ އާސިއާންގެ ގައުމުތަކު މެދުގައި ގާއިމް ކުރެވިފައިވާ ގުޅުންތައް، ކަނޑައެޅިފައިވާ އުސޫލުތަކެއް މަތިން ދެމެހެއްޓުމުގެ މަގްސަދުގައެވެ. އޭގެ ތެރޭގައި ސައުތް އީސްޓް އޭޝިއާގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމްކުރުމާއި، މުއާހަދާގައި ބައިވެރިވާ އާންމު ފަރާތްތަކުގެ މަސްލަހަތުތައް ހިމާޔަތް ކުރުމާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރަންވާނެ ކަމުގައި އެ މުއާހަދާގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖޭއިން ޓީއޭސީ މުއާހަދާގައި ބައިވެރިވުމުން، އާސިއާންގެ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާވެ، އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ ފަންނީ އެހީތެރިކަން ލިބުމަށް މަގުފަހިވެގެން ދާނެ ކަމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެ ކަރުދާސް ހުށަހަޅައިދެއްވަމުން ފާހަގަކުރައްވާފައެވެ.

ބައިނަލް އަގްވާމީ މިފަދަ މުއާހަދާތަކުގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސަށް ފޮނުވަން ޖެހެއެވެ.