ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ޖަހަމުންދާ "ކޮވިޝީލްޑް" ވެކްސިންއާ ގުޅޭ ގޮތުން ދޮގު މައުލޫމާތުތަކެއް ޑރ. މުހައްމަދު އާތިފް ވިދާޅުވެ ވާހަކަަ ދެއްކެވެމުން އޭނާއަށް ފިޔަވަޅު އެޅުމަށް ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ގޮވާލައްވައިފިއެވެ.

ޑރ. އާތިފް ރޭ އާންމުކުރެއްވި ވީޑިއޯއެއްގައި ބުނީ ދިވެހިން ޖަހަމުންދާ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް" ވެކްސިނަކީ ރާމާމަކުނުގެ އާއިލާއަށް ނިސްބަތްވާ ޗިންޕަންޒީ މަކުނަށް އަރިދަފުސް ރޯގާ ޖައްސާ އެޑިނޯ ވައިރަހުން އުފެއްދި ވެކްސިންނެއް ކަމަށެވެ. އަދި ވެކްސިން ޖެހުން ނޫން ގޮތެއް ދިވެހިންނަށް ނެތީތޯ އޭނާ ސުވާލު އުފައްދަވައިފައިވެއެވެ.

ޑރ. އާތިފް ވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ވެސް ބުނެފައެވެ. އަދި އެ ވެކްސިންގެ ސަބަބުން އުމުރުން ދުވަސްވީ މީހުން ނުރައްކަލަށް ހުށައެޅިގެން ދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އާތިފްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި މިނިސްޓަރު ކަން ކުރެއްވި ޖަމްޝީދު ވަނީ އޭނާއާ މެދު ފިޔަވަޅު އެޅުމަށް ރާއްޖޭގެ މެޑިކަލް ކައުންސިލަށް ގޮވާލާފައެވެ. ޖަމްޝީދު ވިދާޅުވެފައި ވަނީ މިއީ މުޅިން އޮޅުވާލުމެއް ކަމަށާއި މިއީ ޑޮކްޓަރަކަށްވެ ހުރެ ކުރަން ލަދު ގަންނަން ޖެހޭ ވަރު ކަމެއް ކަމަށެވެ.

އާތިފް ދަނީ މި ނުރައްކާތެރި ބަލިމަޑުކަމުން ސަލާމަތްވުމަށް އެކި ގައުމުތަކުން އުފައްދާ ވެކްސިންތަކަށް މީސްމީޑިއާގައި ފާޑު ކިޔަމުންނެވެ. މިކަމާ ގުޅިގެން އެކި ގައުމުތަކުގެ ސިއްހީ މާހިރުންގެ ނުރުހުމާއި ފާޑުކިޔުން ވެސް ވަނީ އޭނާއަށް އަމާޒުވެފައެވެ.

ކޮވިޝީލްޑް ވެކްސިން އަކީ އޮކްސްފޯޑުގެ އެސްޓްރާޒެންކާ އިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިންއެކެވެ. އިންޑިއާގެ ސީރަމްއަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ. ނަމަވެސް މި ވެކްސިންގެ ރައްކާތެރިކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަށަވަރުކޮށްދީފަ އެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޟެއިޚް

    ކަލޯ މީ ކާކު؟ ކޮންތާކުން ޢުފަންވި ގޮލައެއް؟ ރައީތުން މީ މީނަ އަަައްމަ އައްޕަ ދަރިންވިޔަ ފިޔަވަޅު އަޅަން. މިގޮލާ އަނގައިގަ މަލަން އަޅާބެ

  2. -

    ޑރ. އަހުމަދު ޖަމްޝީދު މިނިސްޓަރ ކަން ކުރެއްވިތޯ

  3. ޤައްދާރު

    ޑަބްލިއު.އެޗް.އޯ އިން ހުއްދަ ނުދޭ ވެކްސިނެއް ރައީސުން ގަޔަށް ޖަހަން ހުއްދަދޭނެތޯ؟

  4. ލޮލް

    ރާއްޖޭން ބޭރުގަ އަދާ ކުރާ ވަޒީފާގެ މުއްދަތު ހަމަވާތީ މިސަރުކާރުގެ މިނިސްޓަރުކަން ބޭނުން ވެގެން ހަނާ އަޅަނީތަ؟ ވަހީދު ސަރުކާރާ ވައިއެޅުނު މީހަަކަށް ވެސް ސޮރީ..!

  5. ރައްޔިތު

    "އިންޑިއާގެ ވެކްސިން 60 އަހަރުން މަތީގެ މީހުންނަށް ނުދިނުމަށް ޕޮލޭންޑުން ނިންމައިފި"..! މިވާ އެއްޗެއް އެނގޭތަ އެބަ ..؟!

  6. ނޫރީ

    ބާއީ ސަރުކާރުގެ މިނިސްޓަރ ދޯ... ކޮންފިތަވަޅެއްތޯ... މިޒަމާނަކީ ޚިޔާލު ފާޅުކުރެވޭ ޒަމާނެއް... ޑރ އާތިފުގެ ވާހަކަ ތެދު ނޫން ނަމަ އޭގެ ރަގަޅުގޮތަކީ ބުނެދީ... އަހަރަމެންވެސް މިބުނަނީ ... ޑަބްލިއު އެޗް އޯ ހުއްދަ ދީފައިވޭތޯ... ނުވަތަ ރާއްޖޭގެ މެޑިކަލް ކައުންސިލްގެ ރަޢުޔެއް ހޯދިތޯ....

  7. ފެކްޓް

    އެއީ ދޮގުތޯ އޭގަ ލިޔެފަ ހުރި އެއްޗެއް ކިޔާ ދިރާސާ ކުރިންތޯ! ބަޔަކު ކަރަށް އެޅި އެއްޗެއް އަިސް މީހުންގެ ގަޔަށް އަިސް އޮއްސަނީ ޑޮކްޓަރުންނޭ ކިތައިގެން ތިބެ